ޚަބަރު

ފަހަތުން އަރާ މިލާން ބަލިކޮށް ޔުވެންޓަސް ލީގު ކާމިޔާބުކުރުމާއި ގާތަށް ޖެހިލައިފި


އޭސީ މިލާން ބަލިކޮށް އިޓަލިއަން ސެރިއާ ކާމިޔާބުކުރުމާއި ކައިރިއަށް ޔުވެންޓަސް ޖެހިލައިފިއެވެ. ސެރީއާގެ މިދިޔަ ހަތް އަހަރުގެ ޗެމްޕިއަންސް ޔުވެންޓަސް މިލާންގެ މައްޗަށް ކުރި ހޯދީ ތިނެއް ދޭކުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އޭސީ މިލާނުންނެވެ. މި ލަނޑު އެޓީމަށް ޖައިދިނީ ކްރިސްޓޮފް ޕިއޮންޓެކެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ޖެހި ގޯލްތަކާއިއެކުގައެވެ. އެޓީމްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓިއަކުން ޕައުލޯ ދިބާލާ ޖެހިއިރު، މެޗުން ޔުވެންޓަސް މޮޅުވީ ޒުވާން ފޯވާޑް މޮއިސް ކީން ޖެހި ގޯލުންނެވެ. މޮއިސް ކީންވަނީ އެންމެ ފަހުން އޭނާ ކުޅުނު ފަސް މެޗުގައިވެސް ގޯލް ޖަހާފައެވެ.

މި ނަތީޖާއާއިއެކު ޔުވެންޓަސްވަނީ ސެރިއާ ކާމިޔާބުކުރުމާއި ގާތަށް ޖެހިލާފައެވެ. ލީގުގައި ބާކީ ހަތް މެޗު އޮތްއިރު، އެޓީމް އެއްވަނައިގައި އޮތީ 21 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ.

މިރޭ ޖެނޯއާ އަތުން ނަޕޯލީ ބަލިވެއްޖެނަމަ ޔުވެންޓަސްއަށް ޗެމްޕިއަންކަން ކަށަވަރުވާނެ. މިރޭ ނަޕޯލީ މޮޅުވެއްޖެނަމަ ޔުވެންޓަސްއަށް ލީގު ކަށަވަރުކުރަން ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ.