ސިޔާސީ

ނާކާމިޔާބުވީ ވަގެއްގެ އަތުގައި ހިފައިގެނެއް ނޫން - ޤާސިމް


ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ބޮޑު ނާކާމިޔާބީއެއް ލިބިގެންދިޔައީ "ބޮޑު ވަގެއްގެ" އަތުގައި ހިފައިގެން ނޫން ކަމަށް ވިދާޅުވެ ޖޭޕީގެ ކައުންސިލަށާއި އެޕާޓީއަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 40 ދާއިރާއަކަށް ވާދަކުރެއްވިއެވެ. ނަމަވެސް ޖޭޕީއަށް ލިބުނީ އެންމެ ހަ ގޮނޑިއެވެ. އެއީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމަށް ލިބިވަޑައިގެން މާމިގިލި ދާއިރާގެ ގޮނޑިއާ ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒަށް ލިބިވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ ގޮނޑިއާ ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ކާމިޔާބު ކުރެއްވި ދަނގެތި ދާއިރާގެ ގޮނޑީގެ އިތުރުން އަލީ ހުޞައިނަށް ލިބިވަޑައިގެންނެވި ކެންދޫ ދާއިރާގެ ގޮނޑި އަދި އަލީ ހަމީދަށް ލިބިވަޑައިގެންނެވި އިސްދޫ ދާއިރާގެ ގޮނޑިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ޤާސިމް ވިދާޅުވީ 2009ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޖޭޕީން 30 ކެންޑިޑޭޓަކަށް ޚަރަދުކުރި ކަމަށެވެ. ނަމަވެސް ހޮވިވަޑައިގަތީ މާމިގިލި ދާއިރާއަށް ޤާސިމް އިބްރާޙީމް އެކަނިކަން ފާހަގަކުރައްވާ ޤާސިމް ވަނީ އެފަހަރުގެ އިންތިޚާބު ޖޭޕީއަށް ކާމިޔާބު ނުކުރެއްވުނީ "ކޮން ވަގެއް" ހުރީމަތޯ ސުވާލު ކުރައްވާފައެވެ.

ބަލަ 2009 ގައި ވެސް ޖޭޕީއިން ޓިކެޓް ދީގެން އެއްވެސް ބަޔަކާ ބައިވެރިނުވެ 30 މީހަކަށް ހަރަދުކޮށްގެން ހޮވުނީ ގާސިމް އެކަނި، އެއީ ކީއްވެގެން ކާކު ކޮން ވަގަކަށް ވެގެން، ތިޔަކަހަލަ ވާހަކަ ދެއްކުމަކުން ނުސިހޭނެ، ތިޔަ ވާހަކަ ދައްކާ އެކަކު ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށް ކޮށް ދެއްވި ކަމެއް އެބަ އޮތްތޯ،" ގާސިމްގެ މެސެޖްގައިވެ އެވެ.

ޤާސިމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައިވެސް ޖޭޕީއަށް ކާމިޔާބު ނުވީ އެއްވެސް ވަގެއްގެ އަތުގައި ހިފައިގެން ނޫން ކަމަށެވެ. ޤާސިމް ވިދާޅުވީ އިންތިޚާބުން ޖޭޕީ ބަލިވީ، އެންމެ ފަހު ދެ ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީން "ވާރޭވެހޭ ގޮތަށް ފައިސާ އެޅުމުން ކަމަށެވެ.

ޤާސިމް ވިދާޅުވީ އިންތިޚާބަށް ކުޑަތަންވީ ވަރަކަށް ޖޭޕީގެ ތެރެއިން އެޕާޓީއަށާއި އެޕާޓީގެ ލީޑަރަށް "ބަވަމުންދިޔަ" ކަމަށެވެ. ޤާސިމް ވަނީ ޖޭޕީގެ މެންބަރުންގެ ކިބައިން "މާ އަޑުގަދަ ނުކޮށް، އެބޭފުޅަކު ބޭނުން ގޮތަކަށް ފެންނަ ގޮތަކަށް ކަންތައް ކުރެއްވުމަށް" ދަންނަވާފައެވެ.

ޤާސިމް މިފަދައިން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނި، ކުރީގެ ރައީސް ޔާމީނާ ބައިއަތު ހިފުމުން ކަމަށެވެ.