ޚަބަރު

މަޖިލިސް އިންތިޚާބަކީ ހާމަކަން ބޮޑު އިންތިޚާބެއް- ޓްރާންސްޕޭރަންސީ


19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ހާމަކަން ބޮޑު އިދާރީ އިންތިޒާމުތައް ރަނގަޅު އިންތިޚާބެއްކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފާހަގަވި ކަންތައްތައް ހާމަކުރުމަށް، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަހުމަދު ތޮލާލް ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުލުން ފެށުނީއްސުރެ ވޯޓު ގުނުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހާމަކަން ބޮޑު އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މި އިންތިޚާބުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގެ ތެރެއިން 97 އިންސައްތަ ފޮށި، ގަޑިއަށް ބަންދުކުރުމަކީ މިކަމުގެ ހެއްކެއް ކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި އިންތިޚާބުގައި ވޯޓުކަރުދާހާއި މެދު ކެނޑިޑޭޓުން ސުވާލު އުފައްދާފައި މިންވަރު މަދުވުމަކީވެސް މިކަމަށް ބާރުލިބޭ ކަމެއްކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފާހަގަކުރާނީ ރައްޔިތުންގެ މަޖިލީސް އިންތިޚާބަކީ، ހާމަކަން ބޮޑު އިދާރީ އިންތިޒާމުތަށް ރަނގަޅު އިންތިޚާބެއްކަން. އެހޮތުން މި އިންތިޚާބުގައި އެންމެ ސްޓޭޝަންއެއް ނޫން އެހެން ހުރިހާ ސްޓޭޝަންއެއްގައިވެސް ވޯޓުލުމުގެ މަސައްކަތްކުރިއަށްދިޔައީ ވަރަށް އަމާންކަމާއިއެކު. އެގޮތުން މި އިންތިޚާބުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގެ ތެރެއިން 97 އިންސައްތަ ފޮށި ގަޑިއަށް ބަންދުކޮށްފައިވާކަން އުފަލާއިއެކު ފާހަގަކުރަން." އަހުމަދު ތޮލާލް ވިދާޅުވިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސުން މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ހާމަކަން ބޮޑު އިންތިޚާބެއްކަން ފާހަގަކޮށްފައިވާއިރު، އެ ޖަމިއްޔާއިން ވަނީ އިންތިޚާބުތަކުގައި އަންހެނުންގެ ސިޔާސީ ބައިވެރިވުން މަދުކަން ފާހަގަކުރައްވާފައެވެ. އަދި މި އިންތިޚާބުގައި ކެނޑިޑޭޓުންގެ ސިޔާސީ ފައިސާ ޚަރަދުކުރި ގޮތް ސާފުނުވުމަކީ، އިންތިޚާބުގެ ނިޒާމު ކިލަނބު ކޮށްލާކަމެއްކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފާހަގަކުރެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖޭގެ 20 އަތޮޅަކާއި ސިނާއި ސަރަހައްދުތަކާއި، ޖަލުތަކާއި، ސްރިލަންކާގެ ވެރިރަށް ކޮލޮމްބޯގައި 350 އޮބްޒާވަރުން ވަނީ ހަރަކާތްތެރިވެފައެވެ.