ސިޔާސީ

އެމްޑީޕީއިން ހޯދި ކާމިޔާބީއަށް ރައީސް މަޢުމޫން މަރުހަބާ ކިޔައިފި


އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް މަރުޚަބާ ވިދާޅުވެއްޖެއެވެ.

ރައީސް މަޢުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެގެ އިންތިޚާބުން ސަރުކާރުން ހޯދި ކާމިޔާބީއަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ ކިބައިން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ. އަދި ރާއްޖޭގެ ހެވާ ލާބަޔަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ ފަހަތުގައި މޯލްޑިވްސް ރިފޯރމް މޫވްމަންޓް، އެމް.އާރ.އެމް ދެމިތިބޭނެނަކަމަށްވެސް ރައީސް މަޢުމޫން ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކޯލިޝަން ޕާޓްނަރުންގެ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މަޢުމޫންގެ ތާޢީދާއެކު މިފަހަރުގެ މަޖިލީސް އިންތިޚާބުގައި 20 ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު، މީގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވުނީ ވަރަށްވެސް މަދު ކެނޑިޑޭޓަކަށެވެ. ރައީސް މަޢުމޫންގެ ތާޢީދާއެކު މަޖިލީސް އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މައްޗައްގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވި ރައީސް މަޢުމޫންގެ ދަރިކަލުން ފާރިސް މަޢުމޫނާއި، ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި އައިމިނަތު ނާދިރާ ހިމެނިވަޑައިގަންނަވައެވެ. މި ދެ ބޭފުޅުންނަކީވެސް މިހާރުގެ ސަރުކާރު ވެރިކަމަށް ގެނެއުމުގައި ރައީސް މަޢުމޫނާއެކު، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

ރައީސް މަޢުމޫނުގެ އިތުރުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ބައެއް ސިޔާސީ ފަރާތްތަކުންވެސް ދަނީ އެމްޑީޕީއިން ހޯދި ކާމިޔާބީ ފާހަގަކޮށް މަރުޙަބާ ކިޔަމުންނެވެ.

މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީއަށް 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުވެފައިވާއިރު، މިއީ ރާއްޖޭގެ ހަރަކާތްތެރިވާ ސިޔާސީ ޕާޓީއަކަށް މަޖިލީސް އިންތިޚާބުން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފަހަރެވެ. އެމް.ޑީ.ޕީގެ މި ކާމިޔާބީއާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ޕާޓީއަށް މިވަނީ ލިބިފައެވެ.