ސިޔާސީ

ރައްޔިތުން ދެއްކި ތަފާތު ސަރުކާރު ދައްކައިދޭނަން - ނާއިބު ރައީސް


ރައްޔިތުން ދެއްކި ތަފާތު ސަރުކާރުން ދައްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބޮޑު ތަނުން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ނާއިބު ރައީސް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ދައްކައިދިނީ ތަފާތު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ދެއްކި ތަފާތު ސަރުކާރުން ދައްކައިދޭނެ ކަމަށް ނާއިބު ރައީސްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އަދި ނާއިބު ރައީސް ކަމަށް އެމަނިކުފާނު ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައިވެސްމެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ ކެމްޕެއިން ރެލީތަކުގައި ބައިވެރިވެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. އެގޮތުން އެޕާޓީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 62 ގޮނޑި ކާމިޔާބު ކޮށްފައެވެ.