ސިޔާސީ

ތިން ސިޓީންވެސް އެމްޑީޕީއަށް މެޖޯރިޓީ


މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ސިޓީތަކަކުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް މެޖޯރިޓީ ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެ ސިޓީއާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީންވެސް ވަނީ އެމްޑީޕީން ވަނީ ހޯދާފައެވެ. މިހާރު ހިނގަމުން މިދާ 18ވަނަ ރައްޔިތުން މަޖިލީހުން އެމްޑީޕީއަށް ލިބިފައިވަނީ އައްޑޫ ސިޓީގެ މެޖޯރިޓީއެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުން މާލެ ސިޓީއަށް އެމްޑީޕީން ވަނީ 15 ގޮނޑީގެ ތެރެއިން 14 ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މާލެ ސިޓީން އެމްޑީޕީއަށް ނުލިބުނީ ވިލިމާލެ ދާއިރާއެވެ. ވިލިމާލެ ދާއިރާއަކީ މި ހިނގާ 18ވަނަ މަޖިލީހުގައިވެސް އެމްޑީޕީއަށް ނުލިބުނު ދާއިރާއެކެވެ. އެ ދާއިރާ މިހާރު ތަމްސީލް ކުރަމުން ގެންދަނީ ޕީޕީއެމްގެ މެންބަރ އަޙްމަދު ނިހާން ޙުޞައިން މަނިކެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ހަތް ދާއިރާ އޮންނައިރު އެ ހަތް ދާއިރާވެސް ވަނީ އެމްޑީޕީއަށް ލިބިފައެވެ. ފުވައްމުލަކު ސިޓީގައި ތިން ދާއިރާއެއް އޮންނައިރު އެ ތިން ދާއިރާވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.

އެހެންކަމުން އެމްޑީޕީ ވެގެން ދިޔައީ ރައްޔިތުން މަޖިލީހުގެ އިންތިޚާބެއްގައި ހުރިހާ ސިޓީއަކުންވެސް މެޖޯރިޓީ ހޯދި ފުރަތަމަ ޕާޓީއަށެވެ. އަދި މަޖިލިސް އިންތިޚާބެއް ކާމިޔާބުކޮށް، ވަކި ޕާޓީއަކުން އެކަނި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނެގި ހަމައެކަނި ޕާޓީއަކީވެސް އެމްޑީޕީއެވެ.