ޚަބަރު

ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުން 23 ގެ ކުރިން


ގެދޮރުވެރިކުރުމުގެ
ޕްރޮގްރާމްގެ ދަށުން އިސްލާޙު ނަމްބަރު ދޫކުރެވިފައިވާ ފަރާތްތަކާއި ޚާއްސަ
އެހީއަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ ތޭވީހުގެ ކުރިން ފޯމް ހުށަހެޅުމަށް
ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.



ހައުސިންގ
މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިކުރުމުގެ
ޕްރޮގްރާމްގެ ދަށުން، އިސްލާޙު ނަމްބަރު ދޫކޮށްފައިވާ ފަރާތްތަކަށާއި ޚާއްސަ
އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް ދެވުނު މުއްދަތުގައި އެކިއެކި
ސަބަބުތައް މެދުވެރިވެގެން ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުން މިމަހުގެ ތޭވީހުގެ
ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ފްލެޓަށް އެދި ފޯމް
ބަލައިގަތުމުގެ މުުއްދަތު ހަމަވިއިރު، ބާރަހާހަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް
މިނިސްޓްރީން މައުލޫމާތު ދެއެވެ.



ގެދޮރުވެރި
ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއެކު
މާލޭގައި ރަޖިސްޓްރީވެފައިވާ މީހުން ހިމެނޭ ފުރަތަމަ ކެޓަގަރީގައި އިމާރާތްކުރަން
ހަމަޖެހިފައިވަނީ ހަތަރު ސަތޭކަ ސާޅީސް ފްލެޓެވެ. މާލޭގައި ގިނަ ދުވަހު
ދިރިއުޅެމުންދާ ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ދެވަނަ ކެޓަގަރީގައި
އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ތިންސަތޭކަ ތިރީސް ފްލެޓެވެ. މީގެ އިތުރުން
މާލޭގައި އަމިއްލަ ބިމެއް އޮތް ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން އެބިންކޮޅު
ދައުލަތަށް ދޭން އެއްބަސްވާ މީހުންނަށް ޚާއްސަ ތިންވަނަ ކެޓަގަރީގައި
އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީވެސް ތިންސަތޭކަ ތިރީސް ފްލެޓެވެ.