ޚަބަރު

ހުރިހާ އޮފިޝަލުން ހަމަނުވިއަސް މާދަމާ ވޯޓުލާން ފަށާނެ - އީސީ


ވޯޓުލާ މަރުކަޒުތަކުގައި ތިބެންޖެހޭ ހުރިހާ އޮފިޝަލުން ހަމަނުވިއަސް ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ފެށުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ހާމަކުރައްވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ފެށުމަށް އެއިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ނިމިދިޔަ އިންތިޚާބުތަކުގައި ވޯޓުލުން ފެށުން ލަސްވުމުގައި، ވޯޓުލާ މަރުކަޒުތަކުގައި ތިބެންޖެހޭ ހުރިހާ އޮފިޝަލުން ހަމަނުވުމަކީ މައިގަނޑު ސަބަބެއްކަމަށެވެ.

އެގޮތުން މި މައްސަލަ ހައްލުކުރުމަށް މި ފަހަރުގެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ޚާއްސަ ތަމްރީންތަކެއް ދީފައިވާކަން އަހުމަދު ޝަރީފް ފާހަގަކުރެއްވިއެވެ. މި ތަމްރީނުގައި ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ފެށުމަށް ވޯޓުލާ މަރުކަޒުގައި ތިބެންޖެހޭނެ އެންމެ މަދު އޮފިޝަލުންގެ ޢަދަދު އަންގަވާފައި ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިމައްސަލަ ޙައްލުކުރުމަށް މި ފަހަރުގެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ޚާއްސަ ތަމްރީންތަކެއް އަޅުގަނޑުމެން ވާނީ ދީފައި. އެމަޖެންސީ ޕްލޭނެއް އެގޮތުން ވާނީ އެކުލަވާލާފައި. އެގޮތުން މި ތަމްރީނުގައި ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ފެށުމަށް ވޯޓުލާ މަރުކަޒުގައި ތިބެންޖެހޭނެ އެންމެ މަދު އޮފިޝަލުންގެ އަދަދު ވާނީ ކިޔާދީފައި." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިޚާބުތަކަކީ އަމާންކަމާއިއެކު ކުރިއަށްދާ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއްކަން ޔަޤީންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އިލެކްޝަންސް ކޮމިޝަނުންވަނީ ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް މިހާރުވެސް މަޝްވަރާ ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.