ތަޢުލީމު

ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީ، އެލް.ޕީ.ޔޫއިން 2019 ވަނަ އަހަރަށް ހުޅުވާލާފައިވާ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން ސްކޮލަރޝިޕްގެ ފުރުޞަތުތު ހުޅުވާލައިފައިވަނީ ބެޗެލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީ ލެވެލްގެ ކޯސްތަކަކަށެވެ. މީގެ ތެރޭގައި ކޯސް ފީ މުޅިން ހިލޭ ލިބޭ ބެޗެލަރސް ޑިގްރީގެ 3 ކޯހަކާއި، 50 އިންސައްތަ ކޯސް ފީ ހިލޭ ލިބޭ ބެޗެލަރސް ޑިގްރީގެ 17 ކޯހެއްގެ އިތުރުން ކޯސް ފީ މުޅިން ހިލޭ ލިބޭ މާސްޓަރސް ޑިގްރީގެ 2 ކޯހަކާއި، 50 އިންސައްތަ ކޯސް ފީ ހިލޭ މާސްޓަރސް ޑިގްރީގެ 8 ކޯހެއް ހިމެނެއެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ގެ ނިޔަލަށެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ އެކަޑަމިކް މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާއިގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ސުންގަޑިއަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން އެމީހަކު ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭނެކަމަށާއި، އެ ބޭނުންވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެގެން ނުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ސްކޮލަރޝިޕަށް އެދި ހުށަހަޅާފަރާތަކީ މިހާރު އިންޑިޔާގައި ކިޔަވަމުން ދާ ފަރާތެއް ކަމުގައި ވެގެންނުވާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިއާގެ ޕަންޖާބުގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީ، އެލް.ޕީ.ޔޫއަކީ އިންޑިއާގެ ޕްރައިވެޓް ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ މަޝްހޫރު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީން އަންނަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން، ޑޮކްޓްރޭޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.