ސިޔާސީ

އެއަރޕޯޓްގައި މުޒާހަރާ ކުރި މީހުންގެ މައްސަލަ ކޯޓަށް ފޮނުވައިފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް
މުޒާހަރާކުރަންދިޔަ މީހުންގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް
ފޮނުވައިފިއެވެ.



ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އެމްބީސީއަށް އަންގާރަ ދުވަހު ވިދާޅުވީ މިމައްސަލަ ޝަރީއަތަށް މިފޮނުއްވީ އެއްވުން މަނާ ތަންތަނުގެތެރެއިންވެސް
އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހުރިހާ ގައުމެއްގައިވެސް ވަރަށް ޚާއްސަގޮތެއްގައި
ބަލަހައްޓާ ތަނަކަށްވާތީ އެއްވުން މަނާ އެހެންތަންތަނަށް އެއްވުމުގައި އަމަލުކުރާ
އާއްމުއުސޫލާއި ތަފާތުކޮށް އެއަރޕޯޓުގައި މުޒާހަރާކުރުމުގެ ޖާގަދެވެން
ނޯންނާނެތީކަމަށެވެ.



އެމްޑީޕީން ހުޅުލޭގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި
ފަނަރަ މީހެއްގެ މައްސަލަ ޕީޖީން ކޯޓަށް ފޮނުވާފައިވެއެވެ. މިމީހުންގެ މައްޗަށް
ދައުވާކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ
ސާބިތުވެއްޖެނަމަ އޮންނަ އެންމެ ބޮޑު އަދަބަކީ ހަމަސްދުވަހަށް ޖަލަށްލުން ނުވަތަ ގޭބަންދުކުރުން
ނުވަތަ އަރުވާލުމެވެ. ނުވަތަ 150 ރުފިޔާއިންޖުރުމަނާކުރުންވެސް ދެވިދާނެ
އަދަބަކަށް ކަނޑައެޅިފައިވެއެވެ.



ޕީޖީ މުހްތާޒް މުހްސިން ވިދާޅުވީ އެއްވުން މަނާތަނަކަށް
އެއްވިޔަސް ފުރަތަމަ ފަހަރު އެމީހެއްގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމަކީ
އެމީހަކަށް ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން އާއްމުކޮށް މިހާރު
އަމަލުކުރަމުންދާގޮތްކަމަށެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރޕޯޓަށް
އެއްވުން އެގޮތަށް ބަލައިނުގަނެވޭނެކަމަށް ވިދާޅުވިއެވެ.