ސިއްހަތު

އާކުގެ "ހީލް" ކެމްޕެއިން ގެ ޓީޗަރުންގެ ރިސޯސް ފޮތް ނެރެފި


އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކުން ފަށާފައިވާ
"ހީލް" ކެމްޕެއިން އިތުރަށް ފުޅާ ކުރުމުގެ ގޮތުން، "ހީލް
ކެމްޕެއިން ރިސޯސް ގައިޑް ފޯރ ޕްރީސްކޫލު ޓީޗަރޒް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ. 

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޖަމްޢިއްޔާގެ ފަރާތުން އަންގާރަ ދުވަހު ބޭއްވި
ރަސްމިއްޔާތުގައި މި ފޮތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ކުޑަކުދިންގެ ޚާއްސަ
ޑޮކްޓަރެއް ކަމަށްވާ، ޑރ. ނިޔާޝާ އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވީ،
ޅަ އުމުރުންފެށިގެން ކުޑަކުދިން ސިއްޙަތައް ފައިދާހުރި ކެއިންބުއިމުގެ ބާވަތްތައް ޚިޔާރުކުރުމަށާއި،
ހަރަކާތްތެރިވެއުޅުމަށް ޝައުގުވެރިކޮށް، އެއާދަތައް އެކުދިންގެ ކިބައިގައި
އަށަގެންނެވުމަށްޓަކައި ކްލާހުގައި ހިންގޭނޭ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު މިފޮތުގައި
ހިމެނިފައިވާނެކަމަށެވެ.
އާކްގެ ފަރާތުން މާލެއާ، ވިލިމާލެއާ ހުޅުމާލޭގެ ޕްރީ ސްކޫލުތަކަށް މި ފޮތްވަނީ
ހަދިޔާކޮށްފައެވެ.



ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އައި.ޖީ.އެމް
ހޮސްޕިޓަލުގައިވެސް މިއަދު ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެ ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިގެން، ދުޅަހެޔޮ ސިއްޙަތަކަށް
ރައްކާތެރި ކާނާ ބޭނުންކުރުމަށް އާންމުންނަށް ބާރު އެޅުމުގެ ގޮތުން
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ހަރަކާތްތަކާއި
ގުޅޭގޮތުން މައުލޫމާތުދެއްވަމުން، އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑެޕިއުޓީ ވޯޑް
މެނޭޖަރ ހުމައިރާ ޖަމާލް ވިދާޅުވީ، މިއަދުގެ މި ހަރަކާތުގެ ތެރެއިން، ތަފާތު
ބަލިތަކާއި ގުޅޭގޮތުން އާންމުންނަށް މައުލޫމާތުދީ، ހަށިގަނޑަށް ފައިދާހުރި ކާނާ
ބޭނުންކުރުމުގެ މުހިއްމުކަން އާއްމުންނަށް އަންގައިދިނުމުގެ އިތުރުން ހަކުރު
ބައްޔާއި، ބްލަޑް ޕްރެޝަރ އަދި ބަރުދަން ޓެސްޓްކުރުންފަދަ ހަރަކާތްތަކެއް
ކުރިއަށްގެންގޮސްފައިވާކަމަށެވެ.



މީގެ އިތުރުންވެސް މާލެއާއި، އަތޮޅުތަކުގެ
ހޮސްޕިޓަލުތަކުގައި ވަނީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު
ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.