ޚަބަރު

އަންހެނުންނަށް ފަސޭހައިން މިސްކިތްތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސައިފި


އަންހެނުންނަށް ފަސޭހައިން މިސްކިތްތަކުގައި ނަމާދުކުރެވޭނެގޮތް ހަމަޖެއްސުމުގެ މަޝްރޫޢު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްސް ޑރ. އަހުމަދު ޒާހިރު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު، ވާހަކަފުޅުދައްކަވަމުން، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަންކަމުގައިވާއިރު، މި ސަރުކާރުން އަންހެނުންނަށް ފަސޭހައިން މިސްކިތްތަކުގައި ނަމާދުކުރެވޭނެގޮތް ހަމަޖެއްސުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ޖަމާޢަތުގައި ނަމާދުކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން މި މަޝްރޫޢާއި ގުޅުވައިގެން ޢިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫޢު ހިންގަމުންދާކަމަށެވެ. އެގޮތުން މި ދެ މަޝްރޫޢުގެ ފައިދާ ރައީސް ޞާލިޙްގެ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ އިސްލާމިކް މިނިސްޓްރީގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް. އެގޮތުން އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެގޮތުން ޢިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫޢާއި، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ކާމިޔާބު މަސައްކަތްތަކެއް އަޅުގަނޑުމެން މިދަނީ ކުރަމުން." މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

45 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރާ މި މަޝްރޫޢުގެ ދަށުން ޕާޓިޝަންޖަހާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް 11 މިލިއަން ރުފިޔާ ޚަރަދުވާއިރު، އަންހެނުންނަށް ޚާއްސަކޮށް ވަކިފާޚާނާއާއި ވުޟޫކުރާނެ އިންތިޒާމު ހަމަޖެއްސުމަށް 34 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. އަންހެނުންނަށް ފަސޭހައިން މިސްކިތްތަކުގައި ނަމާދުކުރެވޭނެގޮތް ހަމަޖެއްސުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ.