ސިޔާސީ

ފުލުހުންގެ ދެ މީހަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް އަމުރުކޮށްފި


މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ މީހަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އަލުން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކުރައްވާފައި ވަނީ ފުލުހުންގެ ސާޖެންޓު ރޭންކުގައި ތިބި ދެ ފުލުހަކަށެވެ. އެ ދެ ފުލުހުންނަކީ އަޙުމަދު އާސިމް އަދި ޢަބްދުﷲ ރިޔާޒެވެ. އެ ދެ ފުލުހުންނަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކުރެއްވީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ދޭންޖެހޭ މުސާރައާ އިނާޔާތްތަކާއި އެކުއެވެ.

ވަޒީފާއާއެކު ސާޖެންޓު އާސިމަށް 189،000 ރުފިޔާ އަދި ސާޖެންޓު ރިޔާޒަށް 199،000 ރުފިޔާގެ ބަދަލެއް ދިނުމަށް ވަނީ އަމުރުކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފުލުހުންގެ ހަތް މީހެއް ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

ތަފާތު އެކިއެކި ސަބަބުތަކާއި ގުޅިގެން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އަލުން އަނބުރާ ވަޒީފާ އިޔާދަ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ 104 ފަރާތަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށްވެސް ދާދިފަހުން ސަރުކާރުން ވަނީ ނިންމާފައެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފުލުހުންގެ ދެ މީހަކަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކުރައްވާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ސިފައިންގެ އެސްޕީޖީގައި ދެ އޮފިސަރުންނަށްވެސް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.