ސިޔާސީ

ހަތް މީހުންގެ ނަން ވޯޓަރސް ލިސްޓުގައި ހިމެނުމަށް ހައިކޯޓުން އަމުރެއް ނުކުރި


އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓަރސް ލިސްޓުގައި ހަތް މީހެއްގެ ނަން ހިމަނައި ދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ކޯޓުން މިއަދު ޙުކުމް ކުރައްވައިފިއެވެ.

ހައިކޯޓަށް މި މައްސަލަތައް ހުށަހަޅާފައި ވަނީ ވަކިވަކިންނެވެ. މި ހަތް މީހުން ހައިކޯޓަށް މައްސަލަ ހުށަހެޅީ އެމީހުންގެ ރަށްވެހިކަމުގެ ނަން ތިމަރަފުއްޓަށް ބަދަލު ކުރުމަށް ހުށަހަޅާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރި ވޯޓަރސް ލިސްޓުގައި އެ މީހުންގެ ނަން ނެތުމުންނެވެ.

ހަތް މީހުންގެ މައްސަލަ ވަކިވަކިން ހުށަހެޅިއިރު އެމީހުންގެ ޝަރީޢަތްތައްވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކިންނެވެ. ހައިކޯޓުން ކުރި ޙުކުމްގައި ވިދާޅުވެފައިވަނީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ޝަކުވާއަކާއި ގުޅިގެން ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ފަސް ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ޤާނޫނުތަކަކުގައި ބަޔާންކުރައްވާފައިވާއިރު މި ހަތް ފަރާތް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ މުއްދަތަށް ފަހުކަން ވަނީ ފާހަގަކުރައްވާފައެވެ.

ހައިކޯޓުގެ ޙުކުމްގައި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ދިވެހި ރައްޔިތުން އެނގޭނެ ފަދަ ރަޖިސްޓަރީއެއް، "ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ" ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ބަލަހައްޓަންވާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ އިންތިޚާބުތަކާއި ބެހޭ ޤާނޫނުން އިލެކްޝަންސް މައްޗަށް ކުރުން ލާޒިމް ކަމެއްކަން ހައިކޯޓުން ވަނީ ފާހަގަކުރައްވާފައެވެ.

ވޯޓަރސް ލިސްޓް އެކުލަވާލުމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާ ބޭސްއަށް ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާއިރު މި ހަތް މީހުންގެ ތެރެއިން ބައެއް މީހުންގެ ރަށްވެހިކަން ބަދަލު ކޮށްފައިވަނީ އެކަމަށް ކޮމިޝަނުން ދިން މުއްދަތު ހަމަވި ފަހުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ. ހައިކޯޓުން ބުނީ އިލެކްޝަނުން ދޭ މުއްދަތުތައް ފަހަނައަޅާ ދާ ފަހުން ރަށްވެހިކަން ބަދަލުކޮށްފި ނަމަ، ވޯޓުލުމުގެ ހައްގު ގެއްލުނަސް މައްސަލައެއް ނެތް ކަމަށް އިގްރާރެއްގައި އޭގެ ތެރެއިން ބައެއް މީހުން ސޮއިކޮށްފައި އޮތުމުން އެ މީހުން ރަށްވެހިކަން ބަދަލުކުރީ ވޯޓުލުމުގެ ހައްޤު ގެއްލިދާނެކަން އެނގިހުރެ ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން ތިމަރަފުށީ ހަތް މީހަކު ހައިކޯޓަށް ހުށަހެޅި އެ މައްސަލާގައި އެފަދަ އެއްވެސް އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދޭންޖެހޭ އެއްވެސް ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ޙުކުމްގައި ވިދާޅުވެފައިވެއެވެ.