ޚަބަރު

އޭޝިއަން އެތްލެޓިކް ޗެމްޕިއަންޝިޕަށް ދާ ގައުމީ ޓީމް ފައިނަލްކޮށްފި



ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއިއެކު އޭޝިއަން އެތްލެޓިކް ޗެމްޕިއަންޝިޕަށް ދާ ޓީމް ފައިނަލްކޮށްފިއެވެ.

މިމުބާރާތަށް ނަގާފައިވަނީ ހަތް އެތްލީޓުންނެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އޭޝިއަން އެތްލެޓިކް ޗެންޕިއަންޝިޕްގައި ވާދަކުރާނީ 100 މީޓަރު ދުވުމާއި، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ.

އިބްރާހީމް އަޝްފާން އަލީ މިމުބާރާތުގައި ވާދަކުރާނީ 200 މީޓަރު ދުވުމާއި، އަދި 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ. ނަޖޫމް ހަސަން ވާދަކުރާނީ 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ. ހުސެއިން ފަޒީލް ހާރޫން ވާދަކުރާނީ 500 މީޓަރު އަދި 10.000 މިޓަރު ރޭހުގައެވެ. ސަރީސް އަހުމަދު ވާދަކުރާނީ 100 މީޓަރު، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރޭހުގައެވެ. އަދި އަބްދުﷲ އާދަމް ވާދަކުރާނީ 200 މީޓަރު ދުވުމާއި، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރޭހުގައެވެ. ހުސެއިން ރިޒާ ވާދަކުރާނީ 800 މީޓަރު، 1500 މީޓަރު އަދި 4 ގުނަ 400 މީޓަރުގައެވެ.

މިޓީމްގެ މެދު އަދި ދިގު ދުވުމުގެ ކޯޗްއަކަށް މަސައްކަތް ކުރާނީ އިންޑިޔާގެ ޝިވަނަންދާ އެވެ. ސްޕްރިންޓް ކޯޗްއަކަށް މަސައްކަތް ކުރާނީ އަހުމަދު ފާއިލްއެވެ.

އެތްލެޓިކްސް އެސޯސިއޭޝަންއިން ބުނީ މިއީ ކުރިއަށްއޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ބައިވެރިވާ މުބާރާތެއްކަމަށެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި ވާދަވެރި މުބާރާތެއްގައި ވާދަކޮށްފައި ނުވުމާއެކު މިމުބާރާތަކީ މިހާރު ދުވުންތެރިން ތިބި ހާލަތު ދެނެގަތުމަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް އެތްލެޓިކްސް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ.

އޭޝިއަން އެތްލެޓިކް ޗެންޕިއަންޝިޕްގައި ރާއްޖެއިން އެންމެ ދުރަށް ދެވިފައިވަނީ 2017 ވަނަ އަހަރު އިންޑިޔާގައި ބޭވުނު މުބާރާތުންނެވެ. އެމުބާރާތުގައި ސާއިދުވަނީ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓްގައި ވާދަކޮށްފައެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްގައި އެތްލެޓިކްސް އެސޯސިއޭޝަންއިން ކަޓައަޅާފައިވަނީ 5 މެޑަލް ހޯދުމަށެވެ.