ތަޢުލީމު

ދަރިވަރުންގެ ލޯން ސްކީމާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބައްދަލުވުމެއް ބާއްވަނީ


މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމް ނުވަތަ ދަރިވަރުންގެ ލޯން ސްކީމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޢާއްމު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނީ މިމަހުގެ 10 ވާ ބުދަ ދުވަހުގެ ރޭ 20:30އިން 22:00އަށް އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ބައްދަލުވުމުގައި ލޯނާ ގުޅޭގޮތުންނާއި، ލޯނަށްއެދި ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނެގޮތުގެ އިތުރުން، ލޯނަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ލޯނު ދޫކުރާނެ ދާއިރާތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހުޅުވާލާފައިވަނީ މިދިޔަމަހުގެ 21ވަނަ ދުވަހުއެވެ. މި ފުރުޞަތުގެ ދަށުން 242 ފަރާތަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެެ. އޭގޮތުން އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ލޯން ސްކީމަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ހުޅުވާލި މި ފުރުޞަތުގައި ޑިޕްލޮމާއިން ފެށިގެން ޕީ.އެޗް.ޑީއަށް ކިޔެވުމަށްވެސް ލޯން ދޫކުރުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި މި ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ 30ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ލޯނަށް އެދި އެޕްލިކޭޝަން ހުށައަޅަން ޖެހެނީ އޮންލައިންކޮށެވެ.

މަތީ ތަޢުލީމު ޙާސިލުކުރުމަށް ސަރުކާރުން ދޭ ލޯން ސްކީމްގައި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއެވެ.