ޚަބަރު

ދައުލަތަށް 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ޚަރަދުވީ 5.1 ބިލިއަން


މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުލަތަށް 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލީ ހިސާބުތައް ދައްކާގޮތުން ފުރަތަމަ 3 މަހު 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެމުއްދަތުގެ ތެރޭގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 5.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފުރަތަމަ 3 މަހު ޚަރަދުކުރެވުނު މިންވަރަށްވުރެ ދައުލަތަށް ލިބުނު އާމްދަނީ ބިލިއަނެއްހާ ރުފިޔާ އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

3 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. އެގޮތުން އެމުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާއި ޖީއެސްޓީގެ ގޮތުގައި ލިބުނު 730 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 765 މިލިއަން ރުފިޔާއަށް އަރައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 446 މިލިއަން ރުފިޔާ ހިމެނެއެވެ. ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުލަތުން 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 4.1 ބިލިއަން ރުފިޔާ ޚަރަދުވެފައިވަނީ މުސާރައާއި ދައުލަތް ހިންގުމަށް ޚަރަދަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް 2.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު ސަރުކާރުގެ އިދާރީ ހިންގުމަށް 1.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުލަތުން 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ތަރައްޤީއަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާއެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީއަށް ޚަރަދުކުރި 493.8 ބިލިއަން ރުފިޔާއާއި ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ޚަރަދުކުރި 372 މިލިއަން ރުފިޔާ ހިމެނެއެވެ.