ޚަބަރު

ކ.ހުރާ ކައުންސިލް ކަޕުގެ ޗެމްޕިއަންކަން އެފްސީ ސަޓަޑޭ ސޫޕުން ހޯދައިފި


ކ.ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ކައުންސިލް ކަޕުގެ ޗެމްޕިއަންކަން އެފް.ސީ ސަޓަޑޭ ސޫޕް ހޯދައިފިއެވެ.

އެފް.ސީ ސަޓަޑޭ ސޫޕުން މި މުބާރާތުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ދެވަނަ ހާފުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން "ޓީމް ތްރީޑީ" ތިން ލަނޑު ދެ ލަނޑުން ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ކުޅެފައިވަނީ މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހުއެވެ. އަދި ހަމައެރޭ ފައިނަލް މެޗުގެ ދެވަނަ ހާފުގެ ވަކި ހިސާބަކުން އެފް.ސީ ސަޓަޑޭ ސޫޕުން ޖެހި ގޯލަކާއެކު އެރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން ހަމަނުޖެހުމެއްގެ ސަބަބުން މެޗު އިތުރަށް ކުރިޔަށް ނުގެންދެވުމުގެ ސަބަބުން ހުރާ ކައުންސިލުން ނިންމީ ފައިނަލް މެޗުގެ ދެވަނަ ހާފު އަލުން ކުޅުމަށެވެ. ދެވަނަ ހާފު ފެށީ ފުރަތަމަ ހާފު ނިމުނުއިރު އޮތް ނާތީޖާ ކަމަށްވާ އެކެއް ސުމަކުން ސަޓަޑޭ ސޫޕް ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ ދެވަނަ ހާފު ސަޓަޑޭ ސޫޕުން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ތްރީޑީ ޓީމުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސަޓަޑޭ ސޫޕްގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ ލަނޑެއް ޖަހާ ސަޓަޑޭ ސޫޕަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. ފައިނަލް މެޗުގެ ދެވަނަ ހާފުގައި ތްރީޑީ ޓީމުން ޖެހި ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ތަސްމީންއެވެ. ސަޓަޑޭ ސޫޕްގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޔަސްފާދް ހަބީބް (މުލަކޭ) އެވެ. މުބާރާތުގެ ޗެމްޕިއަންކަން ސަޓަޑޭ ސޫޕަށް ޔަގީންކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވަނިކޮށް ޖަހައިދިނީ އިސްމާއިލް އީސާ (މެސީ) އެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ހުރާއަށް ނިސްބަތްނުވާ ޓީމެއް ހޯދި ފުރަތަމަ ފަހަރެވެ. ސަޓަޑޭ ސޫޕަކީ ބ.އޭދަފުއްޓަށް ނިސްބަތްވާ ޓީމެކެވެ.

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެފްސީ ސަޓަޑޭ ސޫޕްގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަޤާމް ޓީމް ތްރީޑީގެ އަހުމަދު އަރީޝް ހޯދި އިރު އެންމެ މޮޅު މިޑްފިލްޑް ކުޅުންތެރިޔާގެ މަގާމް ހޯދީ ސަޓަޑޭ ސޫޕްގެ އިޝާން އިބްރާހިމްއެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ސަޓަޑޭ ސޫޕްގެ މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އަދި އެންމެ މޮޅު ފޮވާޑް އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ސަޓަޑޭ ސޫޕްގެ އިސްމާއިލް އީސަ (މެސީ)އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީމް ތްރީޑީގެ މުހައްމަދު ނާއިމްއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޓީމް ތްރީޑީގެ މުހައްމަދު ނަސީމް ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ހަމައެޓީމުގެ ކޯޗު އަތީފް އަހުމަދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެފް.ސީ ސަޓަޑޭ ސޫޕްއެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގައި އަށާރަ ޓީމަކުން ވަނީ ވާދަކޮށްފައެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވެސް ވަނީ ދީފައެވެ. އަދި އަންނަ އަހަރު ބާއްވާ ކައުންސިލް ކަޕް މިއަހަރުގެ މުބާރާތައްވުރެއް ބޮޑުކޮށް، މިއަށްވުރެއް ފުރިހަމަކޮށް ކުރިޔަށްގެންދާނެކަމަށް ހުރާ ކައުންސިލުން މައުލޫމާތުދެއެވެ.