ޚަބަރު

6 ސްކޫލެއްގައި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ


6 ސްކޫލެއްގައި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކުރައްވާފައިވަނީ ރ.އަލިފުއްޓާއި އެއަތޮޅު އުނގޫފާރު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މީގެ އިތުރުން ވ.އަތޮޅު ތަޢުލީމީ މަރުކަޒާއި އެ އަތޮޅު ކެޔޮދޫ ސްކޫލާއި ތ.ގުރައިދޫއާއި ޅ.ކުރެންދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަސްވެސް އެ މިނިސްޓްރީން ވަނީ އިޢުލާންކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ އަގަގީ ފަންސާސް ހާސް ދިވެހި ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރުކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތަކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން މިމަސައްކަތްތަކުގެ ދަށުން މިދޔަ މާރޗް މަހުގެ 31ވަނަ ދުވަހު ރައީސުލުޖުމްހޫރިއްޔާ ވަނީ ހއ.އިހަވަންދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ ބިންގާ އަޅުއްވާދެއްވާފައެވެ.

އަދި އޭޕްރީލް މަހުގެ 2ވަނަ ދުވަހު ކ.އަތޮޅު މަދަރުސާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައެވެ.
މީގެ އިތުރުން މިދޔަ މާރޗް މަހުގެ 26ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރ ވަނީ ނ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި ނ.ޅޮހި ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ހަ ކްލާސް ހިމެނޭ ޢިމާރާތުގެ ބިންގާވެސް އަޅުއްވާދެއްވާފައެވެ.