ޔޫތް ސެންޓަރު ވެންޓިލޭޝަން ސިސްޓަމް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 
އިންޑޯރ ކުޅިވަރުތަށް ކުޅެން ހަމައެކަނި ރާއްޖޭގައި ހުންނަ ޔޫތް ސެންޓަރުގެ ވެންޓިލޭޝަން ސިސްޓަމް ހަލާކުވެފައި ހުންނަތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެއެވެ. އެސޯސިއޭޝަން އަދި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ވެސް ޒުވާނުންގެ މަރުކަޒުގެ ހޯލް ހޫނުވުމުގެ މައްސަލައެވެ. އެންމެ ބޮޑަށް މިކަމަށް ޝަކުވާ ކުރަނީ ގައުމީ ޓީމްތަކުންނެވެ. 
އެޓީމްތަކުން ބުނަނީ ހޫނުގައި ފަރިތަކުރުންތަށް ކުރުމަށްފަހު ގައުމުން ބޭރަށް ގޮސް މުބާރާތް ފިނީގައި ކުޅެން ޖެހުމުން ނަތީޖާއަށް ވަރަށް ބޮޑަށް ބަދަލު އަންނަކަމަށެވެ. އަދި މިއީ ގައުމީ ޓީމްތަކުގެ ނަތީޖާ ދަށްވުމުގެ އެއް ސަބަބުކަމަށްވެސް ޓީމްތަކުން ބުނެއެވެ. 
އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޒުވާނުންގެ މަރުކަޒުގެ ވެންޓިލޭޝަން ރަނގަޅު ކުރުމަށް، އެތަނަށް ދިމާވެފައިވާ މައްސަލަ ބަލަމުން ދާކަމަށެވެ. ޒުވާނުންގެ މަރުކަޒު ހޫނުވުމުގެ އިތުރުން އެހޯލްގައި އުފެދޭ ހޫނު ބޭރުނުވުމަކީވެސް މިހާރު ދިމާވެފައިވާ މައްސަލައެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ މަރުކަރުގެ ވެންޓިލޭޝަން ރަނގަޅު ކުރުމަށް މިހާރުހުރި ސިސްޓަމް މަރާމާތުކޮށްގެން ރަނގަޅު ވޭތޯ ބަލަމުންދާކަމަށާއި މަރާމާތުކޮށްގެން ރަނގަޅު ނުވާނަމަ އާ ސިސްޓަމެއް ގެނެސްގެން ނަމަވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލް ހޫނުވުމުގެ މައްސަލައަށް ހައްލެއް ގެންނާނެކަމަށެވެ.