ޚަބަރު

ފީފާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރުމުގެ އުންމީދުގަ މާޔަން އޭއެފްސީ އިންތިހާބަށް


ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ ގޮޑިއެއް މާޔަން ލިބޭނެކަމުގެ އުއްމީދުގައި އެފްއޭއެމްގެ ވެރިން އޭއެފްސީ ކޮންގްރެސްއަށް ފުރައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް އަދި މަރިޔަމް މުހައްމަދު (މާޔަން) މެލޭޝިޔާއަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީއަށް އެފްއޭއެމްގެ ފަރާތުން މަރިޔަމް މުހައްމަދު (މާޔަން) ނޮމިނޭޓްކޮށްފައިވަނީ މިއީ ރާއްޖެއަށް ވަރަށް މުހިންމު ގޮޑިއަކަށްވާއިރު، ފުޓްބޯޅައިގެ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމުގެ މަގްސަދުގައިކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.

އެފްއޭއެމުން ވަނީ މީގެ ކުރިން މާޔަންއަށް ކެމްޕެއިން ކޮށްދިނުމުގެ ގޮތުން އަބޫ ދާބީއަށްވެސް ގޮސްފައެވެ. އޭޝިއަން ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށްގޮސް މާޔަންވަނީ ފީފާގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. މި ކެމްޕެއިންގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސްވަނީ ބައިވެރިވެފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އޭއެފްސީ އިންތިޙާބްގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު މާޔަންއަށް ލިބިގެންދާނެއެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ ދިވެހިންނަކީ އެމްއޯސީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ.

މަރިޔަމް މުހައްމަދު (މާޔަން)އަކީ އެފްއޭއެމްގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މާޔަންވަނީ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. އަދި މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތް ކޮށް ގައުމީ އަންހެން ޓީމަށް ވެސް ކުޅެފައެވެ.