ވިޔަފާރި

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭ މިއަހަރުވެސް ކުރިއަށްދާނެ


ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މި އަހަރުވެސް ބާއްވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

މި ސަރވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސަރވޭއެކެވެ. މި އަހަރުގެ އޯފް-ޕީކް ސީޒަންގެ ސާވޭ، އެޕްރީލް 12 އިން 18 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ސަރވޭގައި މައިގަނޑު ގޮތެއްގައި ނަގާ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސާރވޭއިން ނޭނގޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިސާވޭގައި ނެގޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަންވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.

ސަރވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެކަމަށާއި، މިކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮޓޯރިޓީން އިލްތިމާސްކުރެއެވެ.