ސިޔާސީ

އިންތިޚާބީ ޝަކުވާތައް ވޯޓުލާ ދުވަހުވެސް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ގުޅިގެން، އިންތިޚާބީ ޝަކުވާ ހަމަ އެ ދުވަހު ހައިކޯޓަށް ހުށަހެޅޭނެ ގޮތް އެ ކޯޓުން ހަމަޖައްސައިފިއެވެ.

ހައިކޯޓުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށްޓަކައި، ވޯޓުލާ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ. ހައިކޯޓުން ވިދާޅުވީ އެ ކޯޓު ހުޅުވިފައި ހުންނަ ގަޑިތަތައް ފިޔަވައި އެހެން ގަޑިއެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅުއްވައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުން ކަމަށް ހައިކޯޓުން ވިދާޅުވެއެވެ. އެގޮތުން މައްސަލަ ހުށަހަޅުއްވާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުއްވުމަށް ސަމާލުކަން ދިނުމަށްވެސް ހައިކޯޓުން ވިދާޅުވެއެވެ.

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.