ތަޢުލީމު

މަތީ ތަޢުލީމު ފޯރުކޮށްދޭ 12 ތަނެއްގެ އެކެޑެމިކް އޮޑިޓެއް ހަދައިފި


ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމަށް ފަށާފައިވާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 12 ތަނެއް އޮޑިޓްކޮށް ނިންމާފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމް.ކިއު.އޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ އެކެޑަމިކް އޮޑިޓްކުރުމުގެ މަސައްކަތް އެމް.ކިއު.އޭއިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މިފަދަ އޮޑިޓެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި މަތީ ތަޢުލީމުދޭ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ހިންގާ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް އެކްރެޑިޓްކުރުމުގެ އިތުރުން، އެތަންތަނުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ވަޒަންކުރުން ނުވަތަ ކޮލެޓީ އެޝުއަރެންސް ކުރުންކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ކިއު.އޭގެ ސީ.އީ.އޯ ޑރ. ޢަބްދުލް ޙަންނާން ވަޙީދު ވިދާޅުވީ، 2017 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 2 ޔުނިވަރސިޓީއަކާއި 10 ކޮލެޖެއްގެ އެކެޑެމިކް އޮޑިޓްކޮށް ނިމިފައިވާކަމަށެވެ. މި މަސައްކަތަކީ ބުރަ އަދި ވަގުތު ނަގާ މަސައްކަތެއްކަން ފާހަގަކުރައްވާ ޑރ. ޙަންނާން ވިދާޅުވީ، މި އޮޑިޓްގެ ތެރެއިން، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ އިދާރީކަންކަން ހަމަޖެހިފައިވާ ގޮތާއި، ތަނުގެ ވަސީލަތްތަކާއި، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ތަފްޞީލު ހިމެނޭހެން މައިގަނޑު 7 ކަމެއްގެ މަޢުލޫމާތު އެމް.ކިއު.އޭއިން ސާފުކުރާކަމަށެވެ.

"10 ކޮލެޖަކާއި 2 ޔުނިވަރސިޓީއެއް އޮޑިޓްކޮށް މިވަނީ ނިމިފައި. އެގޮތުން 2017 ވަނަ އަހަރު 7 ތަނެއް، އެއީ 2 ޔުނިވަރސިޓީއަކާއި އިތުރު 5 ކޮލެޖް. 2018 ގައިވެސް 5 ކޮލެޖެއް އޮޑިޓްކޮށް ނިމިއްޖެ. މިއަހަރަށްވެސް ޝެޑިއުކްކުރެވިފައި އެބަހުރި ބައެއްތަންތަން.." ޑރ.ޙަންނާން ވިދާޅުވިއެވެ.

ޑރ. ޙައްނާން ވިދާޅުވީ، އެމް.ކިއު.އޭއިން ކުރިއަށްގެންދާ އޮޑިޓްކުރުމުގެ ޕްރޮގްރާމާއެކު ހަޔަރ އެޑިއުކޭޝަންގެ ދާއިރާއަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ރޫޓީންގކޮށް މި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު، މިހާރަށްވުރެވެސް ފުޅާކޮށް މިކަން ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޙަންނާން ވިދާޅުވީ، މި އޮޑިޓުން ހާމަވާ މަޢުލޫމާތު އާއްމުންނަށް ހާމަކުރެވިއްޖެނަމަ، ކޮލެޖްތަކާއި ޔުނިވަރސިޓީތައް ރޭޓްކުރުމަށްވެސް އާއްމުންނަށް ފަސޭހަވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮސެސް ހަމައަކަށް އެޅުނީމަ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމާއި ބެހޭގޮތުން މިހާތަނަށް މީހުންގެ ހިތައް ގެނެވިފައި ހުންނަ ތަޞައްވުރަށް ހެޔޮ ބަދަލެއް އަންނަނާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.. އިންސްޓިޓިއުޝަން އޮޑިޓްތަކަކީ އެއީ އޮތްކަމެއްކަން އާއްމުންނަށް އެނގި، ރިޕޯޓްތަކާއި، ރޭޓިންގތަކުގެ ސަބަބުން އިތުރު މަޢުލޫމާތުތަކެއް އާއްމުންނަށް ލިބިގެންދާނެ.. އަދި އެބައިތައް ނެތްނަމަވެސް، ފަހުން އެބައިތައްވެސް އަންނަނާނެކަމަށް އުއްމީދު މިކުރަނީ" ޑރ.ޙަންނާން ވިދާޅުވިއެވެ.

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި އަމިއްލަ ކޮލެޖްތަކުގެ އެކެޑެމިކް އޮޑިޓްކުރުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކުރަމުންދަނީ އެކަމަށް ޙާއްސަކޮށްގެން އެކުލަވާލާފައިވާ ޕެނަލް މެދުވެރިކޮށެވެ. މަތީ ތަޢުލީމުގެ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެމް.ކިއު.އޭއަށް ޤާނޫނީ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.