ޚަބަރު

އިޖްތިމާއީ ޚިދުމަތަކީ ކުޑަ އަގެއްގައި ދޭ ޚިދުމަތަކަށް ވާންޖެހޭ - ފަޒްނާ އަޙްމަދު


އަމިއްލަ ޖަމިއްޔާތަކުން ފޯރުކޮށްދޭ އިޖުތިމާޢީ ޚިދުމަތްތައް ވީހާވެސް ކުޑަ އަގެއްގައި އާއްމުންނަށް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އޯޓިޒަމް ދުވަސް ފާހަގަކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ އޯޓިޒަމާއި، އަދި އެހެނިހެން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ޤާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން ހަމަހަމަ ފުުރުސަތު ލިބެންޖެހޭކަމަށެވެ. އަދި މިއީ ކުއްޖާގެ އާއިލާއާއި، މުޖުތަމައުއާއި، އަދި ސަރުކާރުގެ ތެރެއިންވެސް ޚާއްސަ އިސްކަމެއް ދީގެން ޚިދުމަތް ލިބެންޖެހޭ ބައެއްކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ފަޒްނާ އަޙްމަދު ވިދާޅުވީ މިފަދަ ކުދިންގެ އަޑު އުފުލާ އެންމެ އިސް ފަރާތަކީ ޖަމިއްޔާތައް ކަމަށްވީނަމަވެސް، ކޮންމެ މީހަކީވެސް މިފަދަ ކުދިންނާއި، ކުދިންގެ އާއިލާތަކުގެ އިޙްސާސްތައް އެނގޭ ބަޔަކަށް ވާންޖެހޭކަމަށެވެ. އެގޮތުން މިފަދަ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ވާހަކަތައް އަހައި، ވެވުނު މިންވަރަކުން ކުދިންނަށް އެހީތެރިކަން ދިނުމަށް އެކަމަނާވަނީ ގޮވާލާފައެވެ.

"ޖަމިއްޔާތަކަކީ ވީ އެންމެ ކުޑަ އަގެއްގައި ޚިދުމަތްދޭ ފަރާތަކަށްވުން މުހިންމު. އަދި މިފަދަ ސަޕޯޓް ގްރޫޕްތަކާއި ގިޅި، ކުދިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ބެލެނިވެރިންވެސް އިސްކަންދޭންޖެހޭ". ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ކޮންމެ މީހަކީ ފޯރުންތެރިކަން ހުންނަ މިންވަރުން ހުރިހާ ފަރުވާއެއް ހޯދޭނެ ފަރާތްތަކަކަށް ނުވާނެ ކަމަށާއި، އެފަދަ ފަރާތްތަކަށްވެސް މަޢުލޫމާތު އެނގޭ ފަރާތްތަކުން މަޢުލޫމާތުު ފޯރުކޮށްދިނުމަށް އިސްކަންދޭން ޖެހޭކަމަށެވެ. އަދި ކޮންމެ މީހަކީވެސް މިކަމާއި ގުޅޭ މަޢުލޫމާތު އެނގޭ މީހަކަށްވުން މުހިންމުކަމަށް ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުންވަނީ އެ އެސޯސިއޭޝަންގެ ވެބްސައިޓް ވަނީ ލޯންޗްކޮށްފައެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ވެބްސައިޓް މެދުވެރިކޮށް އޯޓިޒަމް ސެންޓަރުންދޭ ޚިދުމަތްތަކާއި، ސެންޓަރާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ލިބޭނެއެވެ.

އަދި އެ ސެންޓަރުންވަނީ 100 ކުދިންނަށް ހިލޭ ސްކްރީން ކުރެވޭނެ ޕްރޮގްރާމެއްވެސް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި މިހާރުވެސް 46 ކުދިން ސްކްރީން ކުރުމަށް އެދިފައިކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.

އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އަދި ޗެއަރޕަރސަން އިލްހާމް ހުސައިން ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ތަޢުލީމު ދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ވަށާޖެހޭ ތަޢުލީމާއި، ކުދިންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް އަދިވެސް ކުރެވިދާނެ މުހިންމު ކަންކަން ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން މިވަނީ މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް ސްކޫލްތަކުން 100 ޓީޗަރުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމެއްވެސް ފެއްޓުމަށް ނިންމާފައި. އަދި ވަރަށް އަވަކަށް ބެލެނިވެރިންގެ ޓްރެއިނިންގ ޕްރޮގްރާމެއްވެސް ފަށާނަން." އިލްހާމް ވިދާޅުވިއެވެ.

އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގައިވަނީ ޚާއްސަ ނާސްތާއަކާއި، ކޭކު ފެޅުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.