ސިޔާސީ

މަޖިލީހުގެ 13 ބުރީގެ އިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދަނީ


ރައްޔިތުން މަޖިލީހުގެ އިދާރާގެ އާ އިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ. މީގެކުރިންވެސް ފިނޭންސުން ވަނީ މަޖިލީހުގެ އާ އިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް އިޢުލާން ކުރައްވާފައެވެ.

ފިނޭންސުން އިއްޔެ ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވީ ކުރިން އެ މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައި ހުށަހަޅާފައިވާ ހުރިހާ އިޢުލާންތައް ބާތިލްކޮށް އަލުން ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ. ފިނޭންސުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެދިލެއްވުމުގެ މަތިން، އެ އިދާރާގެ 13 ބުރީގެ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގސް އަދި ޕާރޓިޝަން ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައި ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ 13 ބުރީގެ އިމާރާތަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދިނުމަށް އެދި ފިނޭންސުން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ފިނޭންސުން ވިދާޅުވެއެވެ. މި ބީލަމުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 80،000 ރުފިޔާ ހުށަހަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 118 ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް 111 މިލިއަން ރުފިޔާ އަށް އާރްސީއެންސީ އަށް ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.