ވިޔަފާރި

އުރީދޫ އިން ރާއްޖެއަށް އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފި


އުރީދޫ އިން ރާއްޖެއަށް އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިއީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ. އުރީދޫއިން ބުނީ މިއީ ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފްކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށެވެ.

ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ ޕްލަސް ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.
އޭގެތެރޭގައި 4ޖީ ޕްލަސް ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރު ރަނގަޅުވެ، ސާފުވުމާއި، ކޯލް ގުޅާލުމަށް ދާ ވަގުތު ކުޑަވުމާއި، ފޯނުކޯލެއްގެ މެދުތެރޭގައި 4ޖީ ޕްލަސް ޑޭޓާ ބޭނުން ކުރެވުމުގެ އިތުރުން ވީ.އޯ.އައި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗް.ޑީ.ވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި އެކު، ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ޑައިރެކްޓަރ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑިންގ ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރި މި ޙިދުމަތަކީ ދުނިޔޭގައިވެސް އަދި ވަރަށް އައު ޙިދުމަތެއްކަމަށެވެ. އެ ކުންފުނީގެ އުއްމީދަކީ، މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ އެޗް.ޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގާނެކަމަށެވެ. އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، ވީ.އޯ.އެލް.ޓީ.އީގެ ޚިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.