ޚަބަރު

ތުރުކީވިލާތުގެ މުނިސިޕަލް އިންތިޚާބުގައި ހީކުރިވަރުގެ ކާމިޔާބީއެއް ވެރިކަންކުރާ ޕާޓީއަކަށް ނުލިބުނު


ތުރުކީގައި ބޭއްވި މުނިސިޕަލް ކައުންސިލް އިންތިޚާބުގައި އަންކަރާ ފަދަ ބޮޑެތި ބައެއް ސިޓީތަކުގެ ކައުންސިލްތައް ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ގެއްލުނީ، ތުރުކީގެ އިޤުތިޞާދަށް މިފަހަކަށް އައިސް ކުރިމަތިވި މައްސަލަތަކާ ގުޅިގެންކަމަށް ބްލޫމްބަރގް ނޫސް އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީން ބުނީ ތުރުކީގެ ފައިސާ ކަމަށްވާ ލީރާގެ އަގު ދަށަށް ދިޔުމަކީ ޖަސްޓިސް ޕާޓީގެ ވެރިކަމުގައި ތުރުކީގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކޮށްފައިވާކަށެވެ.

ތުރުކީގައި ބޭއްވި މުނިސިޕަލް ކައުންސިލް އިންތިޚާބުގައި ގިނަ ކައުންސިލްތައް ކާމިޔާބުކުރީ ޖަސްޓިސް ޕާޓީ ކަމަށްވިޔަސް ފާއިތުވި ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި އިންތިޚާބަކުން ގެއްލުން ލިބިފައި ނުވާ މިންވަރަށް މި އިންތިޚާބުގައި ޖަސްޓިސް ޕާޓީއަށްވަނީ ގެއްލުން ލިބިފައެވެ. މި ނަތީޖާއާއެކު ޖަސްޓިސް ޕާޓީގެ މަސްއޫލުވެރިންވަނީ އެ ޕާޓީއަށް ލިބުނު ގެއްލުންތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.

އަންކަރާ އާއި އެނޫންވެސް ބައެއް ބޮޑެތި ސިޓީތަކުގެ ކައުންސިލްތަކަކީ މީގެ ކުރިން ޖަސްޓިސް ޕާޓީން ކާމިޔާބުކުރި ކައުންސިލްތަކެވެ. އެހެންނަމަވެސް މި ފަހަރުގެ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީން ވަނީ އެ ސިޓީތަކުގެ އަޣުލަބިއްޔަތު ހޯދާފައެވެ.