ޚަބަރު

އަލްޖީރިޔާގެ ރައީސް މި ހަފުތާގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނޭކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވެއްޖެ


އަލްޖީރިޔާގެ ރައީސް ޢަބްދުލްއަޒީޒް ބޫތަފްލިކާ މި ހަފުތާގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވުމަކީ އެކަށިގެންވާ ކަމެއްކަމަށް އެ ޤައުމުގެ ޢަމިއްލަ ދެ ޓީވީ ޗެނެލަކުން ރިޕޯޓުކޮށްފިއެވެ. އެ ފަރާތްތަކުން މި ގޮތަށް ރިޕޯޓުކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް އިތުރުވެ، ބޫތަފްލިކާ މަޤާމުން އިސްތިޢުފާދެއްވުމަށް އެ ޤައުމުގެ ބާރުގަދަ އަސްކަރިއްޔާއިންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ސިޔާސީ ފަރާތްތަކަށް ހަވާލާދީ އަލްޖީރިޔާގެ އެނަހާރް ޓީވީން ބުނެފައިވަނީ، މި ހަފުތާގެ އަންގާރަ ދުވަހު، ޢުމުރުން އަށްޑިހަ ދެ އަހަރުގެ ބޫތަފްލިކާ މަޤާމުން އިސްތިޢުފާ ދެއްވުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

އެ ޓީވީ ސްޓޭޝަނުން ރިޕޯޓުކުރާގޮތުގައި ރައީސް ބޫތަފްލިކާ މަޤާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދަނީ، އެ ގައުމުގެ ޤާނޫނު އަސާސީގެ ސަތޭކަ ދެވަނަ މާއްދާގެ ދަށުން، ރިޔާސަތުގައި ހުންނަވާ ބޭފުޅަކު އަމިއްލަ އަށް މަޤާމުން އިސްތިޢުފާ ދެއްވުން ނުވަތަ ރައީސްކަމުގައި ދެމި ހުންނެވޭތޯ ނުވަތަ ނޫން ތޯ ބެލުމުގެ ފުރުސަތު ދުސްތޫރީ ކޮމިޓީއަށް ދިނުމަށް ގޮވާލާ މާއްދާގެ ދަށުންކަމަށެވެ.

ހުސްވި ހަފުތާގައި އަލްޖީރިއާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް އަހްމަދު ގައީދް ސަލާޙް ވެސް ވަނީ، ޤާނޫނު އަސާސީގެ މި މައްދާގެ ދަށުން، މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް ބޫތަފްލިކާ އަށް ގޮވާލައްވާފައެވެ.