ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ސްރީލަންކާއިން ތައްޔާރުވަނީ


ސްރީލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސް މައިތިރިޕަލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ. ކޮލޮމްބޯގައި ދެއްވި ބަޔާނެއްގައި ސިރިސޭނާ ވިދާޅުވީ، މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކުށް ސާބިތުވެގެން މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތަކުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރައްވާނޭކަމަށާއި، މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ މީހުންގެ ލިސްޓްވެސް ލިބިވަޑައިގެންފައިވާކަމަށެވެ.

އަދި މަރުގެ އަދަބު ދޭން ފަށާނެ ތާރީޚު ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ. 1976 ވަނަ އަހަރަށްފަހު ސްރީލަންކާގައި ވަނީ މަރުގެ އަދަބު ދިނުން ހުއްޓާލާފައެވެ. 42 އަހަރަށްފަހު އަލުން މަރުގެ އަދަބު ދިނުމަށް ނިންމީ، މަސްތުވާތަކެތީގެ ސަބަބުން ޤައުމުގެ ޒުވާނުން ހަލާކުވެ، ޤައުމީ މަސްލަހަތު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާތީކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

ސްރީލަންކާގައި މަރުގެ އަދަބު އަލުން ތަންފީޒުކުރަން ފަށާތީ، އދ އާއި ވިލާތުގެ ބައެއް ޤައުމުތަކުންވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. އެހެންނަމަވެސް ޤައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ބޭރުގެ ފިއްތުންތަކަށް ބޯނުލަނބާނެކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.