ސިޔާސީ

މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެނިފެސްޓޯ ފެއިލްކޮށްލާތަން ބަލާކަށް ބޭނުމެއްނޫން - ރައީސް


އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެޕާޓީގެ މެނިފެސްޓޯ ތަންފީޒްކުރުން ފެއިލްވިފަދައިން، ކުރިއަށް އޮތް މަޖިލީހުގެ ތެރެއިން މިސަރުކާރުގެ މެނިފެސްޓޯ ފެއިލްވާތަން ބައްލަވަން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކެމްޕެއިންގައި ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ހއ.ފިއްލަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރެއް ހިންގުމަށްޓަކައި މަޖިލީހުގެ ތާޢީދާއި އެއްބާރުލުން ބޭނުންވާނެ މިންވަރު އިޙްސާސްކުރެއްވޭކަމަށެވެ.

2008ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުނަމަވެސް މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީގެ ސަރުކާރަށް ނުލިބުމުން ދިމާވި ގޮންޖެހުންތައް ތަފްސީލްކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެއިރު އެމްޑީޕީން ގެނައި މެނިފެސްޓޯ ތަންފީޒްކުރުމަށް ބޮޑެތި ގިނަ ގޮންޖެހުންތައް މަޖިލީހުގެ ތެރެއިން ކުރިމަތިވިކަމަށެވެ. ކޮންމެ ވޯޓަކާއި ބިލަކަށް ރުހުންހޯދާ ފާސްކުރަން ޖެހުނު ދަތި އުނދަގޫ އެމަނިކުފާނަށް ވަރަށް ބޮޑަށް ކުރިމަތިލާންޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވި އެއިރު އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށެވެ.

އެމްޑީޕީން މިފަހަރުވެސް އެފަދަ މެނިފެސްޓޯއެއް ހިފައިގެން ވެރިކަމަށް އައިސްފައިވާކަމަށާއި، މި ވެރިކަމުގައި އެމަނިކުފާނު ހުންނަވައިގެން މިސަރުކާރުގެ މެނިފެސްޓޯ މަޖިލީހުގެ ތެރެއިން ފެއިލްވެގެންދާތަން ބައްލަވަން ބޭނުންފުޅުނުވާކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.