ޚަބަރު

އަސްކަރީގޮތުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއިން މަޝްވަރާކޮށްފި


އަސްކަރީގޮތުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލީޒޫންގާއި ދެމެދު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ އަސްކަރީ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިވެދިނުމާއި ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށާއި އަސްކަރީ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ދިފާޢީ ބާރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުލް ރަހީމް ޢަބްދުލް ލަތީފް ބައިވެރިވަޑައިގެންނެވިއެވެ.

އަސްކަރީގޮތުން ގުޅުން ބަދަހި ކުރުމަށް ޗައިނާއާއިއެކު ރާއްޖެއިން މަޝްވަރާކޮށްފައިވަނީ އިންޑިއާއިއެކު ރާއްޖެއިން ބާއްވަމުންދާ އަސްކަރީ ގުޅުމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.