ޚަބަރު

ތަރިކަ ޙިމާޔަތްކުރުމުގައި އެންމެ މުހިންމީ ޢާއްމުންގެ ހޭލުންތެރިކަން - ޔުމްނާ މައުމޫން


ރާއްޖޭގެ ތަރިކައާއި އާސާރުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ ޢާއްމުންގެ އެއްބާރުލުން ލިބި ޢާއްމުން އެކަމަށް ހޭލުންތެރިވެގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ތަރިކައާއި އާސާރު ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑެތި އަދި ބުރަ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މިމަސައްކަތްތައް ކާމިޔާބުކުރުމަށް ޢާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ވަރަށްބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތަށް އެންމެ ބޭނުންވަނީ ޢާއްމުން ހޭލުންތެރިވެ މިއީ މުހިންމުކަމެއްކަން ޤަބޫލުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަރިކަ ޙިމާޔަތްކުރަން ޖެހެނީ، އަންނަން އޮތް ޖީލުތަކަށް ތަރިކަ ވާޞިލުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމަކަށްވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރިކަ ޙިމާޔަތްކުރުމުން އެއިން ނަފާލިބޭނެ ގޮތްތައް މިއަދު ފަހިވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތަރިކައާއި އާސާރީތަންތަން ހިމެނޭ ރަސްމީ ލިސްޓެއް އެކުލަވާލައި އޭގެދަށުން ރަޖިސްޓަރކުރެވިގެން 400އަށްވުރެ ގިނަ ތަންތަން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުންވަނީ ޙިމާޔަތްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ކުރަންފަށާފައެވެ.