ޚަބަރު

މިނިވަން 50 އާގުޅިގެން މާލޭގައި އިތުރު ޕާކްތައްހަދާ ރީތިކުރަނީ


މާލޭގައި އަލަށް ދެ ޕާކެއް ހެދުމާ، ކުރިން ޕާކްގެ ގޮތުގައި
ދޫކުރުމަށްފަހު ޕާކެއްގެ ގޮތުގައި ބޭނުން ނުހިފޭގޮތަށް ހުރި ބައެއް ތަންތަން
އަލުން ޕާކްތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ހައުސިންގ
މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ މުނާސަބާއަށް
ތައްޔާރުވުމުގެ ގޮތުން މާލެތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރޭން އަލަށް
ޕާކް ހެދުމަށް ހަމަޖެހިފައިވަނީ ހިރިޔާ ސްކޫލް ބިއްދޮށުން އޮންނަ ހުސް ސަރަހައްދެއްގައާ
އަދި މާލޭގެ އިތުރު ސަރަހައްދެއްގައިކަމަށް ހައުސިންގ މިނިސްޓްރީން މަޢްލޫމާތު
ދެއްވައެވެ. އަލަށް ޕާކްތައް ހެދުމުގެ އިތުރުން ޖުމްހޫރީ މައިދާނުގައި އޮންނަ
ޕާކްގެ ވިނަ އާކޮށް މާ ގަސްއިންދާ ޒީނަތްތެރިކުރުމުގެ މަސައްކަތާ މިނޫންވެސް
ބައެއް ޕާކްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މީޑިއާއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު
ވިދާޅުވީ ކުރިން ޕާކްތަކުގެ ގޮތުގައި ދޫކޮށްފައި ހުރި ތަންތަން ކެފޭ ހަދައިގެން
މުޅިން ބަންދުވެފައިވެސް އެބަހުރިކަމަށެވެ. އެގޮތުން ސިޓީޕާކާ، ކުރީގެ ސޯސަން ސްޓޯރު
ކުރިމަތިން މަޖީދީމަގަށް ވާގޮތަށް އޮންނަ ޕާކް ޤާނޫނީ އިޖްރާޢަތުތައް
ފުރިހަމަކުރުމަށްފަހު  އެމިނިސްޓްރީގެ
ދަށަށް ބަދަލުކުރެވިފައިވާކަމަށާ، މިތަންތަންވެސް ޖުލައި ސައްބީހުގެ ކުރިން އަލުން
ޕާކުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.



މިނިވަން ފަންސާހުގެ މުނާސަބާއަށް މާލެތެރެ
ޒީނަތްތެރިކުރުމުގެ ގޮތުން   ޕާކްތައް
ހެދުމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުގައި ފެންއަރުވާ ވަޑާންތައް ހެދުމާ، އަދި
ކުރިން ގަޑިބުރު ހުރިތަނުގައި އަލުން ބޮޑު ގަޑިއެއް ބެހެއްޓުމަށް
ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވާފައެވެ.