ސިއްހަތު

ވަކިން ސިނގިރޭޓު ވިއްކުން ބައެއް ފިހާރަތަކުން ހުއްޓާލައިފި


މާލެ ސިޓީގެ ބައެއް ފިހާރަތަކުން ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލައިފިއެވެ.

ވަކިން ސިނގިރޭޓު ވިއްކުން ބައެއް ފިހާރަތަކުން ހުއްޓާލައިފައި މިވަނީ ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން ނިންމާފައިވެސް ވަނިކޮށެވެ. ވަކިން ސިނގިރޭޓު ވިއްކުން އަންނަ މަހުގެ 31ގެ ފަހުން މަނާވާނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައިވާ ބުނެފައިވާ ގޮތުގައި ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތުގެ އެހެން ބާވަތްތައް ޕެކެޓް ކުރަން ވާނީ ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި މަދުވެގެން 30 ގްރާމް ހިމެނޭ ގޮތަށެވެ. މި ކަންކަމާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި ވިއްކުމާއި ބަންދު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖްތަކާއި ފޮޓޯ ޖަހާފައި ހުންނަން ވާނީ ފަސޭހަ އިން ފެންނަން ވާނެ ގޮތަކަށެވެ. އިންޒާރުގެ މެސެޖާއި ފޮޓޯ މަތީގައި އެހެން ނަމެއް، ނުވަތަ ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުން ފަދަ އެއްޗެއް ހުރެގެން ނުވާނެ ކަމަށްވެސް މި ޤަވާއިދުގައިވެ އެވެ.

މި ޤަވާއިދުގައި ހުރި އެއްވެސް ކަމަކާއި ޚިލާފުވާ ނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ޤަވާއިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5000 ރުފިޔާއިން، ތިން ވަނަ ފަހަރަށް، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ އެވެ.