ޚަބަރު

ރަކިޓިޗް ހޯދަން އިންޓަ މިލާނުން މަސައްކަތް ފަށައިފި


ބާސެލޯނާ އަށް ކުޅޭ ދެ މިޑްފީލްޑަރުން ކަމަށްވާ ވިދާލް އާއި އިވާން ރަކިޓިޗް ހޯދަން އިޓަލީގެ އިންޓަމިލާނުން މަސައްކަތް ފަށައިފިއެވެ.

ކްރޮއޭޝިޔާގެ މިޑްފީލްޑަރު ރަކިޓިޗް އަކީ މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭނުންވާ ކުޅުންތެރިއެކެވެ. މިސީޒަނަށް ފަހު އޭނާ ވިއްކާލަން ބާސެލޯނާއިން ބޭނުންވަނީ އުމުރުން 32 އަހަރުވުމާއިއެކު ޓީމުގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.

ޗިލީގެ ވިދާލް އަކީ މި ސީޒަނަށް ބާސެލޯނާ އަށް ގެނައި ކުޅުންތެރިއެކެވެ. އޭނާ ވިއްކާލަން ނިންމާފައިވަނީ އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ އިތުރަށް އެކަށީގެންވާ ކުޅުމެއް ވެސް ނުދެއްކޭތީއެވެ.

ބާސެލޯނާއިން އަންނަނީ އާ ސީޒަނަށް ޓީމު ވަރަށް ބޮޑަށް އާ ކުރަމުންނެވެ. މި ގޮތުން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ވެސް މިޑްފިލްޑް ލައިނުގައެވެ. ފިލިޕް ކުޓީނިއޯ އާއި ވިދާލްގެ އިތުރުން އެކަޑަމީ ގްރެޖުއޭޓް ކާލޮސް އަލޭނާ އާއި ސާޖިއޯ ބުސްކެޓްސް ތިބިއިރު ނެދަލޭންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރޭންޑް ޑިޔޮންގ ވެސް އަންނަ ސީޒަނުގައި ބާސެލޯނާއާ ގުޅޭނެއެވެ. އަދި ފްރާންސްގެ އެޑްރިއަން ރަބިއޮޓް އަކީ ވެސް އެޓިމާއި ގުޅޭނެކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.