ޚަބަރު

މުހިންމީ ނަތީޖާ، ގޯލު ޖެހި ގޮތެއް ނޫން - ކްލޮޕް


މެޗެއްގައި އެންމެ މުހިންމުވަނީ ނަތީޖާ ކަމަށާއި ގޯލު ޖެހި ގޮތް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ފުޓްބޯޅައިގައި މޮޅުވާނެ އެއްހާހަށްވުރެ ގިނަ ގޮތްތައް ވެސް ދެއްކިދާނެ ކަމަށް ބުނެ ކްލޮޕް މިހެން ވާހަކަދެއްކީ ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމްގެ އަލްޑަވީލްޑް އަތުން ފަހުވަގުތު ބައިކޮޅަށް ވަން ގޯލުން މޮޅުވެ، ލިވަޕޫލް ތާވަލުގެ އެއްވަނަ އަށް ދިއުމުންނެވެ.

ރޮބާޓޯ ފިރްމީނޯގެ ގޯލާއެކު ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ލިވަޕޫލަށްވުރެ ރަނގަޅަށް ފަހު ހާފުގައި ކުޅުނީ ޓޮޓެންހަމްއެވެ. އަދި 70 ވަނަ މިނިޓްގައި ލޫކަސް މައުރާގެ ލަނޑުން އެއްވަރުކޮށްފައިވަނިކޮށް ނަތީޖާ ލިވަޕޫލް ކޮޅަށް ބަދަލުވީ މުހައްމަދު ސަލާހް ބޮލުން ޖެހި ބޯޅަ އަލްޑަވަރިލްޑް އަތުން ބައިކޮޅަށް ވަނުމުންނެވެ.

ކްލޮޕް ބުނީ އެހެން ހުރިހާ ޓީމަކަށްވެސް ނަސީބު އެހީވެފައިވާކަން މުޅި ސީޒަނަށް ބަލާލުމުން އެނގޭނެ ކަމަށާއި އޭނާގެ ޓީމު ތައްޓަށް ވާދަކުރަން ޖެހެނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީއާއެކު ކަމަށެވެ.

ކްލޮޕް ބުނީ ސިޓީއަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި، މި ސީޒަނުގައި ވެސް އެޓީމު އެހާމޮޅު ކަމަށެވެ. މި މެޗު ބަލިވުމުން ޓޮޓެންހަމަށް ވަނީ ގަދަ ހަތަރެއްގެ ބިރާއި ކުރިމަތިވެފައެވެ. އެއީ ހަތަރުވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަވުމުންނެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ބަލިވުން ހައްގުނޫން ކަމަށެވެ. ހާއްސަކޮށް ފަހު ހާފުގެ ކުޅުމަށް ބަލާއިރު އޭނާގެ ޓީމު މޮޅު ކަމަށެވެ. ނަމަވެސް ކޯޗު ބުނީ ބާކީ އަދި ސީޒަނުގައި ހަތް މެޗު އޮތުމުން ގަދަ ހަތަރެއްގައި އޮތުމުގެ އަމިއްލަ ބާރު އޮތްކަން ކުޅުންތެރިންނަށް މެޗަށް ފަހު ވިސްނައިދިން ކަމަށެވެ.

ލީގު ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ އެއް މެޗު އިތުރަށް ކުޅެ 79 ޕޮއިންޓާއެކުއެވެ. ސިޓީ އަށް 77 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނާގައި ޓޮޓެންހަމަ އަދި ހަތަރުވަނާގައި ޔުނައިޓެޑް އޮތީ 61 ޕޮއިންޓާއެކުގައެވެ.