ޚަބަރު

ދިވެހި އެފްއެމް - ދިވެހިންގެ ޚިދުމަތުގައި 13 އަހަރު


މިއަދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިއުޒިކް ރޭޑިއޯ ޗެނަލް، ދިވެހި އެފްއެމް ވުޖޫދުވިތާ 13 އަހަރު ފުރުނު ދުވަހެވެ. ދިވެހި އެފްއެމް ޚިދުމަތް ދޭން ފަށާފައިވަނީ 2006 ވަނަ އަހަރު ރާއްޖެ އެފްއެމްގެ ނަމުގައިއެވެ.

2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 91 މެގަހާރޓްސް އެފް.އެމް ބޭންޑުން ދުރަށް ފޮނުވަން ފެށި، ދިވެހި އެފް އެމް އަކީ މިއުޒިކާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކަށް ޚާއްސަ އެފް އެމް ޗެނަލެކެވެ. ދިވެހި އެފް އެމް ފުރަތަމަ ފެށިގެންދިޔައީ ދިވެހި ރާއްޖޭގެ އަޑުގެ މިއުޒިކް ޗެނަލްގެ ގޮތުގައިއެވެ. 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަދާއި ހަމައަށްވެސް ދިވެހި އެފް އެމް ހިންގަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އެފް އެމް ޗެނަލްގެ ގޮތުގައިއެވެ.

91 މެގަހަރޓް ދިވެހި އެފް އެމް ގެ ޕްރޮގްރާމްތަށް ފުރަތަމަ ފޮނުވަން ފަށާފައިވަނީ ރާއްޖެ އެފް އެމް ގެ ނަމުގައެވެ. ދިވެހި އެފް އެމް ގެ ނަމަށް ޗެނަލް ގެ ނަން ބަދަލުކުރެވިގެންދިޔައީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ދިވެހި އެފް އެމް އަކީ މުނިފޫހި ފިލުވުމުގެ ތެރެއިން ޒުވާނުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި މެސެޖްތައް ދިނުމުގެ ގޮތުންނާއި ދިވެހި މުޖްތަމަޢުގައި ހުރި ތަފާތު އެކި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަން އަންގައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޗެނަލްއެކެވެ.

މިއުޒިކް ޗެނަލްއެއްގެ ގޮތުގައި އުފެއްދި ދިވެހި އެފް އެމް މުނިފޫހި ފިލުވުމުގެ ދާއިރާއާއި ގުޅުންހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކަންކަމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ތަފާތު ލަވަތަކާއި އެކު ކުރިއަށްގެންދާތާ މިހާރު 13 އަހަރު ފުރިހަމަ ވީއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދަކަށް ފޯރުކޮށްދެވޭ އެފް އެމް ޗެނަލްވެސްމެއެވެ.

ދިވެހި އެފްއެމްގެ 13 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދިވެހި އެފްއެމްގެ ޕްރެޒެންޓަރ އަދި އެގްޒެކެޓިވް ޕްރޮޑިއުސަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މިޒްނާ އަޙްމަދު ވިދާޅުވީ ދިވެހި އެފްއެމްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެހުންތެރިންނާއި ގުޅިގެން އެހުންތެރިން ބޭނުންވާނެފަދަ ގޮތަށް ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށްކަމަށެވެ. އަދި ވޭތުވެ ދިޔަ 13 އަހަރުގެ ދިގު ތާރީޙްގައި ދިވެހި އެފްއެމްއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެހުންތެރިން ދެގޮތެއްނުވެ ދިވެހި އެފްއެމްއާއެކު ތިބުމާއި، އެހުންތެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުކަން މިޒްނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނދުމެންގެ ދިރުމަކީ އެހުންތެރިން. އެހުންތެރިންގެ ތަރުހީބަކީ އަޅުގަނޑުމެން 8 ކަނބަލުންވެސް މިކަމުގައި މިހާ ދިގު މުއްދަތަކަށް ހުރުމުގެ ސިއްރު. އަޅުގަނޑުމެން ދިވެހި އެފްއެމް އަބަދުވެސް މި ގޮތުގައި ދެމިތިބޭނަން." މިޒްނާ ވިދާޅުވިއެވެ.

ދިވެހި އެފް އެމްގެ ޕްރޮގްރާމްތައް ރާއްޖެ އެފް އެމްގެ ގޮތުގައި އެންމެ ފުރަތަމަ ފަށައިގެން އައި އިރު، ދިވެހި އެފް އެމްގައި މަސައްކަތް ކުރަމުން އައީ އެންމެ 6 މުވައްޒަފުންނެވެ. ނަމަވެސް މިހާރު ދިވެހި އެފް އެމްގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި 8 ޕްރޮޑިއުސަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހި އެފް އެމް އަކީ އެޗެނަލެއްގެ އޮން އެއަރ މެނޭޖްކޮށް ހިންގުމާއި ޗެނަލްގެ ޕްރޮޑަކްޝަން މަސައްކަތުގައި ހުސް އަންހެން ކަނބަލުން މަސައްކަތް ކުރާ ޗެނަލްއެކެވެ.

ދިވެހި އެފް އެމްގެ އުމުރުން 13 އަހަރު ފުރުނު އިރު ދިވެހި އެފް އެމްގެ ސްޓޫޑިއޯ އިން ދިވެހި އެފް އެމްގެ އާރް ޖޭ އިން ގެނެސްދީފައިވާ ތަފާތު ޝޯވ ތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާޔާ ގުޅުންހުރި ޚާއްސަކޮށް މިއުޒިކާއި ގުޅުންހުރި ތަފާތު އިވެންޓްތައް ދިވެހި އެފް އެމުން ވަނީ ވަގުތުން ގެނެސްދީފައެވެ. އަދި ޤައުމީ ފެންވަރުގައި ކުރެވުނު އެތަށް ކަމެއް ދިވެހި އެފް އެމްގެ އެހުންތެރިންނާ ހަމަޔަށް ވަނީ ގެނެސްދީފައެވެ.

ދިވެހި އެފް އެމް ގެ ހުރިހާ ޝޯވ ތަކަކީ ވެސް އެހުންތެރިން ވަރަށް ބޮޑަށް ބައިވެރިކޮށްގެން ކުރިއަށްގެންދާ ޝޯވތަކަކަށްވަތީއާވެސް އެކު ދިވެހި އެފް އެމް ގެ ކޮންމެ ޝޯވ އަކީވެސް އެހުންތެރިންގެ ވަރަށް ބޮޑު މަގްބޫލުކަމަކާއި އެކު އަދި ވަރަށް ބޮޑު ބައިވެރިވުމަކާއެކު ކުރިއަށްގެންދެވޭ ޝޯވތަކަކެވެ.