ޚަބަރު

އެފްއޭއެމްގެ ޓާގެޓަކީ ރާއްޖޭގައި އެންމެ މަގުބޫލު އަންހެން ކުޅިވަރަކަށްވެސް ފުޓުބޯޅަ ހެދުން


އެފްއޭއެމްގެ މިއަހަރުގެ ޓާގެޓަކީ ރާއްޖޭގެ އަންހެން ކުދިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަކަށް ފުޓުބޯޅަ ހެދުން ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ބުނެފިއެވެ.

ޖަވާޒް ބުނީ އެފްއޭއެމުން މި މަސައްކަތް އަންހެން ފުޓުބޯޅަ އެކަޑެމީއާއެކު ފަށާފައި ވާއިރު، މިކަމުގައި ވުމެންސް ފުޓްބޯލް ކްލަބް (ޑަބްލިޔު އެފް ސީ)އިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. ކުރީގެ އަހަރުތަކާއި އަޅާބަލާއިރު، ފުޓުބޯޅައިގައި ހަރަކާތްތެރިވާ އަންހެންކުދިން ގިނަވެފައިވުމަކީ އެފްއޭއެމަށް ލިބޭ އުފަލެއްކަން ޖަވާޒް ފާހަގަކުރިއެވެ.

ޖަވާޒް ބުނީ އެފްއޭއެމުން އަބަދުވެސް ބަލާނީ ފިރިހެން ފުޓުބޯޅައާއި ތަފާތުކުރުމެއް ނެތި އެއްހަމައެއްގައި އަންހެން ފުޓުބޯޅަވެސް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ގްރާސްރޫޓުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އަންހެން އެކަޑެމީއަކީ ކުރިއަށް އަންނަން އޮތް ހެޔޮ ބަދަލުތަކުގެ ފެށުންކަމަށްވެސް ޖަވާޒް ބުންޏެވެ.
"އަޅުގަނޑުމެންގެ މިއަހަރުގެ ޓާގެޓަކީ ރާއްޖޭގައި އޮންނަ ކުޅިވަރުތަކުގެ ތެރެއިން އަންހެން ކުދިންގެ އެންމެ މަގުބޫލު ކުޅިވަރަކަށް ފުޓުބޯޅަ ހެދުން، އެފްއޭއެމްގެ ޓާގެޓަކީ އަންހެން ފުޓުބޯޅައާ ފިރިހެން ފުޓުބޯޅައާ ތަފާތު ކުރުމެއް ނެތި ޑިވެލޮޕް ކުރުން" ޖަވާޒް ބުންޏެވެ.