ޚަބަރު

އޮފީސްތަކުގައި މަސައްކަތް ކުރާއިރު ދިވެހި ބަހުން ލިޔަން ކިޔަން އިނގެންޖެހޭ - އަލީ ވަހީދު


އޮފީސްތަކާއި ވުޒާރާތަކުގެ އެކި ގިންތިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބަހުގެ ހަމަތަކާއި އެއްގޮތަށް ލިޔަންކިޔަން ދަންނަ މީހުންނަށް ވާންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އަލްއުސްތާޛް އަލްމަރުޙޫމް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 34 ވަނަ ޤައުމީ މުބާރާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވީ ވާހަކަދެއްކުމުގެ ހުނަރަކީ ސްކޫލް ނިމުމާއިއެކު ދޫކޮށްލަންޖެހޭ ކަމަކަށްވުރެ ބޮޑު އިސްކަމެއް ދީގެން ދިރުވަންޖެހޭކަމެއްކަމަށެވެ. އެގޮތުން ޤައުމު ބިނާކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މީހުންނާއި ކުރަންޖެހޭ މުޢާމަލާތްތައް ކާމިޔާބުވުމުގައި ވާހަކަދެއްކުމުގެ ހުނަރަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތަށް ލިޔަންކިޔަން ދަންނަ މީހުނަށް ވާންޖެހޭކަމަށާއި އެހެން ނޫންނަމަ ކުރާ މަސައްކަތުގައި ނާކާމިޔާބީއަކީ ގާތް އެއްޗަކަށް ވެދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަށް 34 އަހަރުވެފައިވާއިރު ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަކީވެސް މިމުބާރާތުގައި ގިނަ ވަނަތަކެއް ޙާސިލުކުރައްވާފައިވާ އަދި އެމަނިކުފާނުގެ ވާހަކަދެއްކެވުމުގެ ހުނަރު ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައިވެސް ދައްކުވައިދީފައިވާ ވާހަކަދެއްކުންތެރިއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ މިފަދަ މުބާރާތްތައް ކުރިއަށް ގެންދިޔުމުގައި އަދި ބަސް ދިރުވާ އާލާކުރުމުގައި ޢާއްމުންގެ ޚިޔާލުވަރަށް މުހިއްމުކަމަށާއި ސްކޫލް ކުދިންގެ މެދުގައި ވާހަކަދެއްކުންތެރިކަމަށް ޝަޢުގު އުފެއްދުމަކީވެސް މުހިއްމުކަމެއްކަމަށެވެ.

ޖުމްލަ ހަ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 10 އަހަރުން ދަށުގެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން އިބްރާހީމް ޝިހާބުގެ ރަން މެޑަލްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ބަހުގެ އެކަޑަމީން ބުނެއެވެ. އަދި އެންމެ މޮޅު ފަސް ސްކޫލް ހޮވާ ވަނަ ދިނުމަށް ހަމަޖެހިފައިވާއިރު ބަހުގެ ހަމަތަކާއި އެއްގޮތަށް ކުށެއް ނެތި ވާހަކަދައްކާ ކުދިން ހޮވާ އެކަމުގެ ރަންތަށި އެކި ގިންތިތަކުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވާދަވެރިކަމާއެކު ސްކޫލްތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވާ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް އެކި ފަރާތްތަކުން ބައިވެރިވެފައިވަނީ މިއަހަރުކަމަށްވެސް ބަހުގެ އެކަޑަމީން ބުނެއެވެ. އެގޮތުން ސްކޫލްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައްކާއި ކޮލެޖް ޔުނިވަރސިޓީތައް ހިމެނޭހެން 96 ތަނަކުން ބައިވެރިވެފައިވާއިރު 495 ބައިވެރިން މުބާރާތުގައި ވާހަކަދައްކާނެއެވެ. މިހާތަނަށް ބޭއްވޭ އެންމެ ގިނަ ބައިވެރިން ބައިވެރިވި މިމުބާރާތް މާދަމައިން ފެށިގެން ތިން ދަންފަޅިއަކަށް ބަހާލައިގެން މާލޭ އިންގްލިޝް ސްކޫލްގައި ކުރިއަށްގެންދާނެކަމަށް ބަހުގެ އެކަޑަމީން ބުނެއެވެ. މި މުބާރާތް އިންސާފު ކޮށްދިނުމުގައި 11 ފަނޑިޔާރަކު ބައިވެރިވާނެއެވެ.