ދީން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 28 އަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މާލޭގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1 ޖެހުމާއި ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ކުރިއަށްގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އަދި ރަށްރަށުގައިނަމަ ކޮންމެ ރަށެއްގެވެސް ރަށުކައުންސިލަށް ފޯމު ހުށަހެޅޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޙާއްސަކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީން ލިބެން ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ފޯމް ހުށަހަޅާއިރު އައިޑީކާޑުގރ ކޮޕީއާއި، 6 މަސް ދުވަހުގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓާއި، ކައިވެނީގެ ސެޓްފިކެޓާއި، އާމްދަނީގެ ގޮތުގައި ލިބޭ މުސާރައިގެ ތަފްޞީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި ފޯމު ހުށަހަޅާ ފަރާތަކީ ކުއްޔަށް އުޅޭފަރާތެއްނަމަ ކުލީގެ މިންވަރު އެނގޭނެ އެގްރީމެންޓުގެ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ރަޖިސްޓަރީކުރާނަމަ އައިޑީ ކާޑާއެކު އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށާއި، 18 އަހަރު ފުރުނު ނަމަވެސް ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރެއްނަމަ، އެ ދަރިވަރަކު ތަޢުލީމު ޙާސިލުކުރާ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމެއްގެ ތައްގަނޑުޖެހި ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.