ޚަބަރު

އެމް.ޑަބްލިއު.އެސް.ސީގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ނިޒާމެއް ތަޢާރަފުކޮށްފި


މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތަޢާރަފުކޮށްފިއެވެ. އެކުންފުނީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި ނިޒާމު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލެވެ.

ދައުލަތުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމް އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ދަޢުލަތުގެ މުވައްސަސާތަކާއި ކުންފުނިތަކުން ޚިދުމަތް ހޯދާ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޚިދުމަތް ހޯދުމަށް ކިއުގައި ޖެހެންޖެހުމާއި އެކަމަށް ގިނަ ވަގުތު ހޭދަކުރަންކުރަންޖެހުން ކަމަށެވެ. އެހެންކަމުން ސަރުކާރު މުވައްސަސާތަކާއި ކުންފުނިތަކަކީ ރައްޔިތުންނާއި ވިހާވެސް ގާތުން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށް ވާންޖެހޭކަމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭ ބަޔަކަށް ވާންޖެހޭކަމަށެވެ.

އެމް.ޑަބްލިއު.އެސް.ސީގެ ޙިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުޞަތު އެކުންފުނިން ހުޅުވާލިކަމަށްޓަކާ އެކަމަށް މަރުޚަބާ ވިދާޅުވެ، މިނިސްޓަރ މަލީޙު ވަނީ އެހެން ކުންފުނިތަކުންވެސް މިކަން ނަމޫނާއަކަށް ބަލައި، ރައްޔިތުންނަށް ފަސޭހަވާނޭހެން އެފަރާތްތަކުންދޭ ޚިދުމަތްތައް ބައްޓަންކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަމުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރައީސް ޞާލިޙުގެ ސަރުކާރުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާ ޑިޖިޓަލް ފަސްޓް ޕޮލިސީއެއް އަޅުގަނޑުމެން ކަންކަމުގައި މިގެންގުޅެނީ.. އަޅުގަނޑު ވަރަށް އުފާވޭ އެމް.ޑަބްލިއު.އެސް.ސީންވެސް އެފަދަ ސިޔާސަތުތަކެއް ގެންގުޅޭތީ.." މިނިސްޓަރ މަލީހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވަނީ އެކުންފުނިން ފާއިތުވި 24 އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީ ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ 60 ހާސް މީހުންގެ އާބާދީއަކަށް ޚިދުމަތްދިނުމަށް އުފެއްދި ކުންފުނިން މިއަދު 2 ލައްކައަށްވުރެ ބޮޑު އާބާދީއަކަށް ޚިދުމަތްދޭންޖެހޭއިރު، ހުރި ގޮންޖެހުންތަކާއެކުވެސް ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވެނީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމުގެ ސަބަބުންކަމަށް ޢާޒިމް ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީން ދެމުންދާ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަފަދަ ޚިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ޢާޒިމް ވިދާޅުވީ، ކުންފުނީގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު، ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް މިހާރު 90 އިންސައްތަ މަދުކުރެވިފައިވާކަމަށެވެ. އަދި މިއީ އޭގެ ޒާތުގައި ކުޑަކަމެއްނޫންކަމަށާއި، މިކަން މިގޮތުގައި ދެމެހެއްޓުމަށް އެކުންފުނީގެ މުވައްޒަފުންނަށް އޭނާ ގޮވާލެއްވިއެވެ.

"މި 3 މަސްތެރޭގައިވެސް އަޅުގަނޑުމެންނަށް ފާހަގަވީ ރައްޔިތުންނަށް މިދެވޭ ކަސްޓަމަރ ސަރވިސްގެ ޚިދުމަތް ހަރުދަނާކުރަންޖެހޭކަން.. އެގޮތުން އަޅުގަނޑުމެންނަށް 105 ގެ ނަންބަރު ތަޢާރަފުކުރެވި، މި ނަންބަރަކީ 24 ގަޑިއިރުގެ ޚިދުމަތްލިބޭ ނަންބަރަކަށް ބަދަލުކުރިފަހުން އަޅުގަނޑުމެންނަށް ފާހަގަވީ 90 ޕަސެންޓް ކޮމްޕްލެންޓް މަދުވިކަން.. އެކަމަށްޓަކާ ކުންފުނީގެ މުވައްޒަފުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.. މިކަން މިގޮތުގައި ދަމަހައްޓަންޖެހޭ.." އާޒިމް ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީން އަލަށް ތަޢާރަފުކުރި އޮންލައިން ޕޯޓަލްއާއެކު ކިއުގައި ޖެހިގެން ޚިދުމަތް ހޯދަންޖެހޭ ޖެހުން ހުއްޓުމަކަށް އައިސް، ރާއްޖޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު އެކުންފުނީގެ ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިއީ ކަރުދާހަށްކުރާ ހޭދަކުޑަ ކުރެވިގެންދާނެ ކަމެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ 24 އަހަރު ކުރިން 1995 ވަނަ އަހަރު އުފެއްދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީއަކީ ވެރިރަށް މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޙިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސް ކުރުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ. ނަމަވެސް މިއަދު އެކުންފުނިން ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށްވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.