ސިޔާސީ

އެމްޕީ ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި


މަކަރާއި ހީލަތް ހެދުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު
އަހުމަދު ނާޒިމް 25 އަހަރަށް ޖަލައްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމާ ގުޅިގެން ދިއްގަރު ދާއިރާގެ ރައްޔިތުންގެ
މަޖިލީހުގެ ގޮނޑި ފުރުއްވަމުންގެންދަވާ އަހުމަދު ނާޒިމަށްވަނީ އެދާއިރާގެ ގޮނޑި
ގެއްލިފައެވެ.

ގާނޫން އަސާސީ ބުނާގޮތުން ޖިނާއީ ކުށެއްކުރިކަން ސާބިތުވެ ބާރަ
މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ މީހަކަށް ރައްޔިތުންގެ
މަޖިލީހުގެ ގޮނޑިގެއްލިގެންދާނެއެވެ. ނާޒިމުގެ މައްޗަށް މިއަދު ސުޕްރީމް ކޯޓްގައި
ސާބިތުވެފައިވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާއެވެ. އަހުމަދު ނާޒިމްގެ
މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ 4 ދައުވާގެ ތެރެއިން
މިއަދު ހުކުމް އިއްވާފައިވަނީ އެޓޯލްސް މިނިސްޓްރީއަށް ފަނަރަ ހާސް ދިދަ ހޯދުމަށް
ކުރި ބިޑެއް ކާމިޔާބުކުރުމަށް މަކަރާއި ހީލަތް ހެދިކަމަށް ބުނެ ދައުލަތުން
އުފުލާފައިވާ ދައުވާއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން
އުއްތަމަ ފަނޑިޔާރު އަބްދުއްﷲ ސައީދު ވިދާޅުވީ ނާޒިމް މެނޭޖިންގް ޑިރެކްޓަރު ކަން
ކުރެއްވި ނަމިރާ އިންޖިނިއަރިންގް އަށް ލިބޭ ޤާނޫނީ ސަހްސިއްޔަތުގެ ބޭނުން
ނަހަމަގޮތުގައިކޮށް، އެކުންފުނީގެ
މުއައްޒަފުން ބޭނުންކޮށްގެން އެބިޑް ހާސިލްކުރުމަށް މަކަރާ ހީލަތް ހަދާފައިވާކަން ސުޕްރީމްކޯޓަށް
ހުށައެޅިފައިވާ ލިޔެކިއުންތަކާއި ހެކިވެރިންގެ ހެކިބަހުން ސާބިތުވާކަމަށެވެ.
އެހެންކަމުން ނަމިރާ ކުންފުނީގެ މުވައްޒަފުން
ބޭނުންކޮށްގެންނާއި، އެކުންފުންޔަށް ލިބިދޭ ޤާނޫނީ ސަޙްޝިއްޔަތުގެ ބޭނުން ނަހަމަ
ގޮތުގައި ބޭނުންކޮށްގެން އުފަން ނުވާ ކުންފުނިތަކެއްގެ ނަމުގައި އެސްޓިމޭޓް
ތައްޔާރުކޮށް، ހުށަހެޅުމުގެ ޒިންމާ ނަގަން ޖެހޭނީ އެކުންފުންޏެއްގެ
ޑިރެކްޓަރުންކަމަށް ކުންފުންޔާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މިކަމުގެ
ޒިންމާ ނަގަންޖެހޭނީ ނަމިރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން
މުހައްމަދު ނާޒިމް ކަމަށެވެ. އަދި މަކަރާ ހީލަތް ހަދައިގެން ބިޑް ހާސިލްކޮގެން
ހޯދާފައިވާ އެއްމިލިއަން ހަތަރުސަތޭކަ ފަންސަވީސްހާސް ރުފިޔާ ދައުރުވެފައިވަނީ
ނާޒިމްގެ ހިއްސާއޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށްކަމަށް އެނގެން
އޮންނަކަމަށް ހުކުމްގައިވެއެވެ.











ނާޒިމުގެ މައްޗަށް މިދައުވާ ސާބިތުވާކަމަށާއި
މަކަރާއި ހީލަތް ހަދާފައިވަނީ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާއަށްކަމުން
ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 25 އަހަރަށް ޖަލަށްލުމަށް
ކަނޑައަޅާކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ޤާނޫނުލް އުޤޫބާތުގެ
132 ވަނަމާއްދާއާއި 143 ވަނަމާއްދާގައި މަކަރާއި ހީލަތް ހެދުމުގެ އުޤޫބާތެއްގެ
ގޮތުގައި ކަނޑައަޅާފައިވަނީ ދިހަހާސް ރުފިޔާއަށްވުރެ ގިނައަދަދެއްގެ ފައިސާގެ
މުއާމަލާތެއްގައި މަކަރާއި ހީލަތް ހަދާފައިވާނަމަ، ދިހަހާސް ރުފިޔާއަށްވުރެ
އިތުރުވާ ކޮންމެ އެއްހާސް ރުފިޔާއަކަށް އިތުރު އެއްމަސްދުވަހަށް ޖަލައްލުން ނުވަތަ
އަރުވާލުމެވެ. އަދި މަކަރާހީލަތް ހަދާފައިވަނީ ދައުލަތުގެ ފައިސާއަށް ކަމުގައި
ވާނަމަ އިތުރު 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ
ޖަލަށްލުމެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިމައްސަލާގައި މީގެކުރިން
ސިވިލްކޯޓާއި ހައިކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި
ޚިލާފަށްކަމަށާއި އެހެންކަމުން އެހުކުމްތައް ބާތިލްކަމަށެވެ.
ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އަހުމަދު
ނާޒިމުގެ މައްޗަށް މިއަދު އައިސްފައިވާއިރު އަދި އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރާ
ތިން މައްސަލައެއް އެބައޮތެވެ. އެއީ، ދުއިސައްތަ ވިހި ބަނދަރު ބައްތި ގަތުމާއި
ސައުންޑްސިސްޓަމްތަކެއް ގަތުމާއި އަދި ފަނަރަހާސް ދިދަ ގަތުމާއި ގުޅޭ އިތުރު
މައްސަލައެކެވެ. މިތިން މައްސަލައިގައިވެސް ދައުލަތުން ދައުވާކުރަނީ މަކަރާއި
ހީލަތްހަދައިގެން އެޕްރޮޖެކްޓްތައް ކާމިޔާބުކުރިކަމުގެ ދައުވާއެވެ. މިތިން
މައްސަލައިގެ އަޑުއެހުންތައްވެސް ސުޕްރީމް ކޯޓުގައި ނިމި މިހާރުވަނީ ހުކުމް
އިއްވުމުގެ މަރްހަލާގައެވެ.