ޚަބަރު

"އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމުަގައި ޖަމްޢިއްޔާއެއް އިފްތިތާޙްކޮށްފި


ރާއްޖޭގައި "އެންޑޯމެޓްރިއޯސިސް" ނުވަތަ ރަހިމުން ބޭރުގައި ރަހިމުގެ ހަތާހުރުމުގެ ބަލި ތަޙައްމަލުކުރަމުންދާ އަންހެނުންނަށް އެހީތެރިވުމަށްޓަކައި "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމުގައި މަދަނީ ޖަމްޢިއްޔާއެއް އުފައްދައިފިއެވެ.

މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިޖަމްޢިއްޔާ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ނުވަތަ އެންޑޯ މޯލްޑިވްސްގެ ފައުންޑަރ އަދި ޗެއަރޕާރސަން ފާތިމަތު މިޒްނާ ޢަލީ ވިދާޅުވީ، އަންހެނުންނަށް ދިމާވާ މިފަދަ ސިއްޙީ ބައެއް މައްސަލަތަކަކީ މިހާތަނަށް އައިއިރުވެސް ދިވެހި މުޖުތަމަޢުތެރޭގައި އެކަންކަމުގެ ވާހަކަ ޢާއްމުކޮށް ނުދެކެވޭ ކަންތައްތަކެއްކަމަށެވެ. މީގެސަބަބުން އަންހެންނުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެމީހުން ބޮޑެތި ތަކުލީފުތައް އުފަންޖެހިފައިވާކަން މިޒްނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެންޑޯ މޯލްޑިވްސްގެ މަޤްސަދަކީ "އެންޑޯމެޓްރިއޯސިސް" ބަލިތަޙައްމަލުކުރާ އަންހެނުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެހީތެރިކަން ފޯރުކޮށްދިނުންކަން މިޒްނާ ވިދާޅުވިއެވެ. މިބަލީގެ ސަބަބުން ދިމާވާ ކަނަކަމުގެ ތެރެއިން މައްސަރުދުވަސްވަރުގެ އަދަޔާޚިލާފު މައްސަލަތައް ދިމާވާކަމަށާ، އެއީ އާދައިގެކަމަކަށް ނުބަލައި ސިއްޙީ ފިޔަވަޅުތައް އެޅުމަށް މިޒްނާ އިލްތިމާސްކުރެއްވިއެވެ.

"އަންހެނުންނަށް ދިމާވާ ސިއްޙީ ބައެއް ކަންކަމުގެ ވާހަކައަކީ ޓެބޫއެއްގެ ގޮތުގައި މިވަނީ. އެހެންމަވެސް މިފަދަ ބަލިތަކުގެސަބަބުން އެތައް ދުވަހެއް އެބަޖެހޭ އެނދުން ނުތެދުވެވެވި އޮންނަން. މިކަން ސީރިއަސްކަމަކަށް ނުބެލުމުގެ ސަބަބުން ބަލީގެ ސީރިއަސް ސްޓޭޖެއްގައި މި ޑައިގްނޯސްކުރެވެނީވެސް. އަޅުގަނޑުމެންގެ ޖަމިއްޔާގެ ބޯޑް މެމްބަރުންގެ ތެރޭގައި 4 ކަނަބަލުންނަކީވެސް މި ބަލީގެ ސްޓޭޖް 4 ގެ ކަނބަލުން." މިޒްނާ ވިދާޅުވިއެވެ.

"އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ޖަމިއްޔާއަކީ "ވޯލްޑް އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން"ގެ މެމްބަރެކެވެ. މިޖަމްޢިއްޔާ ވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުން "ވޯލްޑް އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން"ގެ މެމްބަރަކަކަށްވީ ފުރަތަމަ މަދަނީ ޖަމިއްޔާއަށެވެ.