ސިޔާސީ

އެމްޑީޕީއިން މަޝްވަރާ ކުރުމަށް ހުށަހަޅައިފި - މޫސަ


ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުނުފަހުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން
މަޖިލިސް ތެރެއަށް ދުންމާރިއާއި ތާޅަފިލި ފަދަ އަޑުގަދަކުރަން ބޭނުންކުރާ ތަކެތި
ވައްދައި ކުރަމުންދާ އިޙްތިޖާޖްތަކަށްފަހު މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި
މެދު ފުރަތަމަ ފަހަރަށް މަޝްވަރާކުރުމަށް އެމްޑީޕީން އެދިފައިވާކަމަށް މަޖިލީހުގެ
ނައިބު ރައީސް ވިދާޅުވެއްޖެއެވެ.



އެމްބީސީ ނިއުސްއަށް
މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީން
ވަކިކޮށްފައިވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ
މަނިކު ވިދާޅުވީ، އެމްޑީޕީން އެދިފައިވާގޮތަށް އެޕާޓީއާއެކު ވަރަށް އަވަހަށް މަޝްވަރާތަކަށް
އިށީދެވަޑައިގަންނަވާނެކަމަށެވެ.



ނަމަވެސް އެ ބައްދަލުވުން
ބާއްވާނެ ވަގުތެއް މަޖިލީހުގެ ނައިބު ރައީސް ވިދާޅެއްނުވެއެވެ. ރައްޔިތުންގެ
މަޖިލިސް މިއަހަރަށް ހުޅުވުނު ޖަލްސާއިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ
ޖަލްސާއެއްގައިވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ތާޅަފިލިފަދަ
އަޑުގަދަކުރާތަކެތި މަޖިލިސްގެ މާލަމުގެތެރެއަށް ވައްދައި، އެތަކެތި ފުމެ
އަޑުގަދަކޮށް ޖަލްސާކުރިއަށް ގެންދިއުމަށް ހުރަސްއަޅުއްވައި އެމްޑީޕީގެ ރައީސް
ދޫކޮށްލުމަށް ބާރުއަޅުއްވަމުންނެވެ.



މިމައްސަލަތަކުގެތެރޭގައި މަޖިލިސް ބާއްވަމުން މިހާރު ގެންދަވަނީ
ރައްޔިތުންގެ މަޖިލިހުން އާއްމުކޮށްދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލައިގެންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މީޑިއާތަކުގެ އިސްބޭފުޅުންނާއެކު މިއަދު ބޭއްވި
ހެނދުނުގެ ސައިފޮދެއްގައި ވިދާޅުވީ ލައިވް ފީޑްތައް ވަގުތީގޮތުން ކަނޑާލަން
މަޖްބޫރުވީ ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި އާއްމުކޮށް އަޑުއަހަން
އެކަށީގެންނުވާފަދަ ހުތުރުބަސްތައް ތަކުރާރު ކުރައްވަމުން ގެންދަވާތީކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލައަކީ ވަގުތީކަމެއްކަމަށް
ބައްލަވާކަމަށާއި މަޖިލިސްގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެކަމަށެވެ.



މަޖިލިސްގެ ޖަލްސާއަށް ހުރަސްއަޅާ، ރިޔާސަތުގެ މޭޒު ދޮށަށް
ހުއްދަ ނެތި ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސް ނުދިނުމަށާއި، މަޖިލީހުގެ ދަތުރުތަކުން ވަކި މުއްދަތަކަށް ސަސްޕެންޑްކުރަން އާންމު
ކޮމިޓީން ދާދިފަހުން ފާސްކޮށްފައިވޭ. މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ކޮމިޓިގެ
އެނިންމުމަށް އަމަލްކުރެވޭނީ މަޖިލީހުގެ ތަޅުމަށް ހުށައެޅި މެމްބަރުންގެ
ވިސްނުންހުރި ގޮތެއް ބެލުމަށްފަހުގައިކަމަށެވެ. މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ
އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ
ޖަލްސާ ކުރިއަށް ދަނިކޮށް ރިއާސަތަށް ހުރަސް އަޅާނަމަ ކޮމިޓީ ހާޒިރީން ފަންސާސް
ފަހެއް އިންސައްތަ އުނި އުނިކޮށް، ކޮމިޓީ އެލަވަންސް ވެސް އުނި ކުރެވޭނެކަމަށެވެ. ރައްޔިތުންގެ
މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު ވިހި ހާސް ރުފިޔާ
ލިބޭނެއެވެ. ނިމުނު ހަފްތާގައި ރައްޔިތުންގެ މަިޖިލީހުގެ އެންމެ ޖަލްސާއެއް
ބާއްވާފައިވާއިރު، މިއަދުވެސް ޖަލްސާ ބާއްވާފައެއް ނުވެއެވެ. ނަމަވެސް
މެދުކެނޑުމަކަށްފަހު މާދަމާ ޖަލްސާއެއް އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ.