ޚަބަރު

ޕޮގްބާ ރެއާލަށް ނާންނަންވީ ސަބަބެއް ނެތް - ޒިދާން


މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ރެއާލް މެޑްރިޑަށް ނާންނަންވީ ސަބަބެއް ނެތްކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ކޯޗު ޒިދާން އޭނާގެ ގައުމުގެ ކުޅުންތެރިޔާއާ ބެހޭ ގޮތުން ބުނީ ޕޮގްބާ އަކީ އޭނާ ވަރަށް ޝައުގުވެރިވާ އަދި ތަފާތު ކުޅުންތެރިއެއް ކަމަށެވެ.
އެގޮތުން ކޮންމެ ކޮންމެ މިހަކަށް އޭނާ އެދައްކާ ތަފާތު ނުދެއްކޭނެ ކަމަށާއި އޭނާ އަކީ ޒިދާން ވަރަށް ގަޔާވާ ކުޅުންތެރިއެއްކަމަށެވެ. ޒިދާން ބުނީ މެންޗެސްޓާ ޔުނައިޓެޑަށް ހިދުމަތްކޮށް ނިމުމުން ބަދަލުވާން ބޭނުންވަނީ ރެއާލް މެޑްރިޑަށްކަމަށް އޭނާ ބުނިކަމަށެވެ. އަދި އެކަން ނުވާންވީ ސަބަބެއްނެތް ކަމަށްވެސް ޒިދާން ބުންޏެވެ.

ރެއާލްއަށް މިދިޔަ ތިން އަހަރުގެ ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުނީ މި ޒަމާނުގައި ކުޅުންތެރިންގެ އަގު ކަނޑައަޅަން އުނދަގޫ ކަމަށާއި ކޮންމެ ފަދަ އަގެއްގައި ވެސް ކުޅުންތެރިއަކު ގަންނަން ޖެހިދާނެ ކަމަށެވެ. އޭނާ މިހެން ބުނީ ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަން އެމްބާޕޭ ގަތުމަށް 280 މިލިއަން ޕައުންޑް ހޭދަކޮށްފާނެތޯ ސުވާލު ކުރުމުންނެވެ. ރެއާލްއިން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 500 މިލިއަން ޕައުންޑް ހޭދަކުރަން ތައްޔާރުވަމުންނެވެ.