ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި ޖަމިއްޔާތަކުގެ ބައިވެރިވުން ހޯދަނީ


ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މިފަދަ ޕްލޭނެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ފުދުންތެރިންކަން އިތުރުކޮށް، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކާ މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވަނީ 2019 އިން 2023 ވަނަ އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ޙާއްސަ ބައްދަލުވުމެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާ ޖަމާޢަތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަންނަމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޖަމިއްޔާ ޖަމާޢަތްތަކުން ހުށަހަޅަން ބޭނުންވާކަންކަން ހުށަހެޅުމުގެ ފުރުޞަތު މި ބައްދަލުވުމުގައި ލިބިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެބޭފުޅުންގެ ހުރި ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތައްވެސް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާއި، ގެދޮރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއާއި، ހިންގުމުގެ ދާއިރާތައް ފަދަ ދާއިރާތަކުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެއެވެ.