ޚަބަރު

ޓީވީއެމްގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޞާލިޙު ބައިވެރިވެވަޑައިގެންފި


ޓެލެވިޜަން މޯލްޑިވްސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙާއްސަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެންފިއެވެ.

ޓީވީއެމްގެ 41 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ޓީވީއެމްގެ ގޯތިތެރޭގައި ރޭ ބޭއްވި ޙާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ރައީސް ޞާލިޙު ވަނީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ކޭކެއް ފަޅުއްވައިދެއްވާފައެވެ. ޕީ.އެސް.އެމްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ހަފްލާގައި ޓީވީއެމްއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅުންނާއި، މިހާރުވެސް އެކިގޮތްގޮތުން ޓީވީއެމަށް އެހީތެރިވެދެއްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރޭގެ ހަފްލާގައި ޓީވީއެމްގެ އޭރާއި މިހާރުގެ މޫނުތައްވެސް ފެނިގެން ގޮސްފައިވެއެވެ.

ޓީވީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޞާލިޙު ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ކިޔަވާ ވިދާޅުވުމަށްފަހު، އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވާފައިވަނީވެސް ޓީވީއެމްގައެވެ. އެގޮތުން ރައީސް ޞާލިޙު ވަނީ 1984 ން 1989 އަށް ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައެވެ.

ޓީވީއެމްގެ އަހަރީދުވަހާއި ގުޅުވައިގެން ހޭޔަންބޯ ޕްރޮގްރާމަށްވެސް ރައީސް ޞާލިޙު ވަނީ ޙާއްޞަ ބަސްދީގަތުމެއްވެސް ދެއްވާފައެވެ. ޓީވީއެމްގައި ހޭދަކުރެއްވި ދުވަސްތައް އެމަނިކުފާނު ސިފަކުރައްވާފައިވަނީ ވަރަށް ގިނަ ހަނދާންތަކެއް ގެނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. އަދި ޓީ.ވީގައި މަސައްކަތް ކުރަމުން ގެންދިޔައީ ކޮންމެހެން ވަޒީފާއެއްގެ ގޮތުގައި ދެކިގެންނޫންކަމަށާއި، އެއީ ވަރަށް ކުރާހިތުން އަމިއްލަ ކަމެއްގެ ގޮތުގައިދެކިގެން ކުރެއްވިކަމެއްކަމަށްވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

އާތު އަވަރއާއިވެސް ގުޅުވާލައިގެން ޓީވީއެމްގެ އަހަރީދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ޓީވީއެމްގައި ކުރިން މަސައްކަތްކުރެއްވި ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ ޖަމްޢިއްޔާ "ޓީވީއެމް އެލްމްނީ"ގެ ފަރާތުންވެސް ވަނީ ތަނުގެ މުވައްޒަފުންނަށް ޙާއްސަ ކޭކެއް ހަދިޔާކުރައްވާފައެވެ. މީގެ އިތުރުން ޓީވީއެމްއަށް ހެޔޮއެދޭ އެކި ފަރާތްތަކާއި އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކުންވެސް ދަނީ ދުވަހުގެ މުނާސަބަތުގައި ކޭކު ހަދިޔާކުރައްވަމުންނެވެ.

ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސް ވުޖޫދަށް އައިސްފައިވަނީ މީގެ 41 އަހަރު ކުރިން 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ޓީވީއެމުން ވަނީ ދަޢުލަތުގެ މީޑިއާގެ ހައިސިއްޔަތުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.