ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤަވާއިދުތަކެއް އެކުލަވާލައިފި


އިމާރާތްކުރުމުގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެެ ގޮތުން ބިލްޑިންގ ކޯޑާއެކު އިތުރު 6 ޤަވާއިދެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވާލައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރޭގައި، ބިލްޑިންގ ކޯޑާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި، ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު ހިމެނެއެވެ.

މީގެ އިތުރުން ޢިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ ޢިލްމީ ޕްރޮގްރާމުތަކުގެ ގަވާއިދާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދާއި، ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ބިލްޑިންގ ކޯޑެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ޢިމާރާތްތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށާއި، އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭ ތަންތަނަށް ހެދުމަށް މަގުފަހިކުރުންކަމަށެވެ. އަދި ޢިމާރާތްތަކަކީ އެ ޢިމާރާތްތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތަށް މަގުފަހިކޮށްދޭ، ތަނަވަސްކަން ލިބޭ މާޙައުލަކަށް ހެދުމާއި، ހާދިސާއެއް މެދުވެރިވާ ހާލަތްތަކުގައި ޢިމާރާތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދިނުމާއި، އެފަދަ ހާލަތްތަކުގައި ސަލާމަތްތެރިކަމާއެކު ޢިމާރާތުން ނިކުމެވޭނެގޮތް ހެދުމަށް މަގުފަހިކުރުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް އެކުލަވާލެވުނު ބިލްޑިންގ ކޯޑާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެގޮތަކަށް ޢިމާރާތް ފަރުމާކުރުމަށާއި، ޢިމާރާތް ކުރުމަށާއި، ޢިމާރާތް ބޭނުންކުރުމަށް މަގުފަހިވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި، ތަފުސީލުތަކާއި، ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ކުރާ ޢިމާރާތްތަކުގެ މަސައްކަތާއި، ޢިމާރާތްތައް ހުންނަން ޖެހޭނީ، ބިލްޑިންގ ކޯޑާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ބިލްޑިންގ ކޯޑާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ޙާއްސަކޮށްގެން އިތުރު 6 ޤަވާއިދެއް އެކުލަވާލާފައި މިވަނީ، ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭގޮތުން އާއްމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށެވެ.