ވިޔަފާރި

'ދަނޑުވެރި ނަފާ' ލޯނަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުން


ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދާދިފަހުން ތައާރަފްކޮށްފައިވާ 'ދަނޑުވެރި ނަފާ' ލޯނަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރުމުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހާމަކޮށްފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، އެސްއެމްއީ ބޭންކުގެ ޚިދުމަތް، އިފްތިތާޙުކޮށްފައިވާއިރު، މި ބޭންކްގެ ދަށުން ހަތަރު ލޯނަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ ތެރެއިން ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ލޯން ސްކީމެއް ތަޢާރަފްކޮށްފައިވާއިރު މި ލޯން މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ދެކެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ފައިސަލް ވިދާޅުވީ، މި ލޯނަކީ ދަނޑުވެރިން އެ ލޯނަކަށްޓަކައި އިންތިޒާރުކުރަމުންދިޔަ ލޯނެއް ކަމަށެވެ. އަދި ދަނޑުވެރިންގެ ފަރާތުން ލޯނަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ލޯނު ސްކީމުގައި ބައިވެރިވުމަށް އެދޭ ފޯމް އެސް.ޑީ.އެފް.ސީން އަދި ފިޝަރީޒް މިނިސްޓްރީން ލިބެން ހުންނާނެއެވެ. ފައިސަލް ވިދާޅުވީ ލޯނަށް އެދި ހުށަހަޅުމުގެ އިންތިޒާމްތައް ފަސޭހަކޮށްދިނުމަށްޓަކައި، ކައުސިލްތަކުންވެސް އެޕްލިކޭޝަން ފޯމްތަށް ލިބޭނެ އިންތިޒާމްތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ދަނޑުވެރިކަމުން އިޤްތިސާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ މި ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ހައެއް އިންސައްތަ އިންޓްރެސްޓާއިއެކު ދޫކުރެވޭ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75،000 ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75،000 ރުފިޔާއާއި 500،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75،000 ރުފިޔާއާއި 2 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކަށް ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75،000 ރުފިޔާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ލޯން ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓިވްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރެޖިސްޓަރވެފައިވާ ކުންފުނިތަކަށް ވާންޖެހޭކަމަށެވެ. އަދި އަމިއްލަ ފަރުދެއްނަމަ ލޯން ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.